ނަފްސާނީ އިލްމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު، ސަރުކާރުން ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ނަފްސާނީ އިލްމު ނުވަތަ މެންޓަލް ހެލްތުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް، ސަރުކާރުގެ ހަރަދުގައި ކިޔެވުމަށްޓަކައި ސްކޮލާޝިޕްގެ 46 ފުރުސަތެއް މިއަދުން ފެށިގެން ހުޅުވާލާފައިވާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެގޮތަށް ހަމަޖައްސާފައިވަނީ ނަފްސާނީ އިލްމުގެ ދާއިރާއަކީ ރާއްޖެއަށް ބޭނުން ދާއިރާއަކަށް ވެފައި، އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ހިދުމަތްތެރިން ލިބުން ބޮޑަށް ބޭނުންވެފައިވާ ދާއިރާއެއް ވާތީ ކަމަށެވެ.

މިއާއެކު، ސަރުކާރުން ދޭ ސްކޮލާޝިޕްތައް ފުރިހަމަކޮށްގެން އަންނަ ދަރިވަރުން ދައުލަތުގެ މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތެއް ވަންދެން ހިދުމަތް ކުރަންޖެހޭނެ ކަމަށާއި، ސަބަބަކީ މާލެއާއި ރަށްރަށުގައި ހިދުމަތް ކުރާނެ ފަރާތްތައް ތަމްރީނު ކުރުމުގެ ބޭނުމުގައި ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލި ކޯސްތައް

  • މާސްޓާސް އިން އެޑިކްޝަން ސްޓަޑީޒް/އެޑިކްޝަން މެނޭޖްމެންޓް
  • މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް/މެންޓަލް ހެލްތު ނާސިން)
  • މާސްޓާސް އިން ކްރިމިނަލް ސައިކޮލޮޖީ
  • މާސްޓާސް އިން ކައުންސެލިން/ސައިކޯތެރަޕީ
  • މާސްޓާސް އިން ސައިކިއޭޓްރީ
  • މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސް

ސްކޮލާޝިޕް ފުރިހަމަ ކުރުމަށްފަހު މަސައްކަތްކުރަން ޖެހޭ މުއައްސަސާތައް

  • އައިޖީއެމްއެޗް
  • ހެލްތު މިނިސްޓްރީ
  • އެޑިއުކޭޝަން މިނިސްޓްރީ
  • ޖެންޑާ މިނިސްޓްރީ

ސަރުކާރުން ސްކޮލާޝިޕަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވެވޭނީ ސްކޮލާޝިޕްގެ ދަށުން ހުލުވާލި ކޯސްތަކާއި ގުލޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާ، ނުވަތަ ސަނަދުތަކުގެ އޮނިގަނޑުގައިވާ ގޮތުން މާސްޓާސް އަށް ޝަރުތު ފުރިހަމަވާ ދަރިވަރުންނަށާއި، ކޯސް ފުރިހަމަ ކުރަން އެދޭ ޔުނިވާސިޓީއަކުން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވެފައިވާ ދަރިވަރުންނަށާއި، ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްގައި ބައިވެރިވާން އެދޭ ދަރިވަރުންނަށެވެ.

ސަރުކާރުން ނަފްސާނީ އިލްމުގެ ދާއިރާއިން ކިޔަވަން ސްކޮލާޝިޕްގެ ފުރުސަތުތައް ހުޅުވާލާފައިވަނީ ނަފްސާނީ ކަންތައްތަކާއި ބެހޭ ޑޮކްޓަރުންނަށް ދައްކަން އެޕޮއިންޓްމެންޓް ހަދައިގެން ޑޮކްޓަރުންނަށް ނުދެއްކި ލަސްވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.