ހއ. ދައްޕަރުގައި އިމާރާތް ކުރާ ތަންތަން ކަމަށް ބުނެ ކުރެހުންތަކެއް ހިމަނާ ބައިނަލްއަގްވާމީ މާކެޓްގައި ވިއްކަން ކުންފުންޏަކުން އިއުލާންކޮށްފައި ވާ މައްސަލައާ ގުޅިގެން އެއީ މި ސަރުކާރުން ކުރާ ކަމެއް ނޫން ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އަދި ދައްޕަރާ ގުޅޭ ކަންކަމުގައި ފިއްލަދޫ ކައުންސިލާ މަޝްވަރާ ނުކޮށް ކުރިއަށް ދިއުމުގެ ވިސްނުން ސަރުކާރުގައި ނެތްކަމަށްވެސް އޭނާ ވިދާޅުވެއެވެ.
މަބްރޫކް މިހެން ވިދާޅުވެފައިވާ އިރު، ދައްޕަރު ވިއްކާލުމާ ގުޅޭ ގޮތުން މޮރިޝަސްގެ ވެބްސައިޓެއްގައި ބުނެފައި ވަނީ، ދަ ޗެޑީ ދައްޕަރަކީ ހަނިމާދޫ އެއާޕޯޓުން 20 މިނެޓުން ދެވޭ ރަށެއް ކަމަށާއި، ހަނދުފަޅިއެއްގެ ބައްޓަމަށް އޮންނަ 135 އޭކަރުގެ މި ރަށުގައި 90 ރެސިޑެންޓަލް ވިލާ އާއި 40 ހޮޓެލް ސޫޓްސް ހަދަން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހޮޓެލް ސޫޓް ގެ 20 ޔުނިޓް ހިމެނޭ ކަމަށާއި 969 އަަކަފޫޓުގެ އެތަންތަނުގައި ޕްރައިވެޓް ޕޫލް ވެސް ހިމެނޭނެ ކަމަށް އެ ވެބްސައިޓުގައި ބުނެއެވެ. ދަ ޗެޑީ އިން ދައްޕަރުގައި ރިސޯޓެއް ތަރައްގީ ކޮށް 2018 ވަނަ އަހަރު ހުޅުވާނެކަން އެންމެ ފުރަތަމަ އިއުލާން ކުރީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެބްރުއަރީ 24، 2015 ގައެވެ.
-
ދަ ޗެޑީ އިން ދައްޕަރުގައި ރިސޯޓެއް ތަރައްގީ ކޮށް 2018 ވަނަ އަހަރު ހުޅުވާނެކަން އެންމެ ފުރަތަމަ އިއުލާން ކުރީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެބްރުއަރީ 24، 2015 ގައި.
އެވެބްސައިޓްގައި ވަނީ ދައްޕަރުގައި ތަރައްގީ ކުރާ ވިިލާތައް ހުންނާނެ ގޮތް ކަމަށް ބުނެ ކުރެހުންތަކެއް ވެސް ޝާއިއުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ އަށް މިލްކު ކުރެވޭ ގޮތަށް ރާއްޖޭއިން މިއީ ފުރަތަމަ ފަހަރަށް ވިއްކަން ޖަހާފައިވާ ތަންތަން ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައި ވެއެވެ. ނަމަވެސް އެތަން ވިއްކާނެ އަގެއް އެ ވެބްސައިޓުގައި ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރުން މީގެ ކުރިންވެސް ބުނެފައި ވަނީ ދައްޕަރު ވިއްކާ ނުލާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ދައްޕަރުގައި އަޅާ ވިލާތަކާއި އެޕާޓްމަންޓްތައް ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާއި އެތަން ހަދަން ބަޔަކަށް ދީފައި ވާ ކަމަށް ސަރުކާރުން ބުނެފައެއް ނުވެއެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ދައްޕަރު ވަނީ ފިއްލަދޫގެ އިހްތިސާސުން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ފިއްލަދޫގެ ރައްޔިތުންނާއި އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއް ވަކިކުރި ސަބަބު ހާމަ ނުކުރާތީ ފިއްލަދޫން ވަނީ ޕެޓިޝަނެއް ވެސް ތައްޔާރު ކޮށްފައެވެ.
މި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން ޖަވާބުދާރީ ވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ، ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ.
ދައްޕަރު ވިއްކާލުމަށް އިއުލާން ކޮށް ސައިޓެއްގައި ޝާއިއުކޮށްފައިވާ ލިޔުމާ ގުޅިގެން އެއީ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފައިވީ ނަމަވެސް އިދިކޮޅުން ވަނީ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހްތިސާސުން ތެރެއިން ވަކިކުރުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީޕީއެމުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަރާރަކުން ނިންމެވި އެ ނިންމެވުމަކީ ވަރަށް ހުދުމުހުތާރު އަދި ލާމަރުކަޒީ ގާނޫނާއި، ލާމަރުކަޒު ކުރުމުގެ މަފްހޫމާ މުޅިން ތައާރަޒް ނިންމުމެއް ކަމުގައެވެ. މީގެ އިތުރުން ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ދަށުން ކަމަށް ބުނެ ރާއްޖެއިން ބޭރުން އަންނަ ބަޔަކު ދިރިއުޅުމަށް ދައްޕަރު ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.
ރައީސް ސޯލިހް ނެރުއްވި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑަައިގަންނަވާ ކަމަށެވެ.
އެހެން ކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސް އިން ވަކިކޮށްފައިވާ ކަމަށެވެ.
މަބްރޫކްއެވިދާޅުވީތެދެއް ދައްޕަރު ވިއްކަނީމިސަރުކާރަކުންނޫން އެކަންއެކުރަނީ ކުރީސަރުކާރުން އަދިހަމައެހެންމެ ފާއިތުވިދެއަހަރު ނަހަލާލަށް ބަލިވެއިންއެއްމެނަކީވެސް ކުރީސަރުކާރުގެކަމެއްކަމަށް އެމްއެމްޕީއާރުސީގެ މޭސްތިރިންއެބަހެކިދޭ މިކަންކަންބަލަންވަރަށްއަވަހަށް ކޮމިޓީއެއްއައްޔަން ކުރާނަން ރީތިވެއްޖެ .