ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 281،000 އަށް އަރާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިވަގުތު އުޅޭ ބަންގްލަދޭޝް މީހުނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ހޯދަން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގަތުމުން އެކަން ސާފު ކުރަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

އާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ރާއްޖޭގައި 281،000 ބިދޭސީން އުޅޭ ކަމަށް މިހާތަނަށް ސާފު ކުރެވުނު ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭގެ ތެރެއިން 63،754 ބަންގްލަދޭޝް މީހުން އުޅޭ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ އަދި ރަނގަޅަށް ސާފު ނުވާ ހިސާބުތައް ހިމަނައިގެން ބަންގްލަދޭޝް މީހުންގެ އަދަދު އެއް ލައްކަ އަށް ވުރެ ގިނަ ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިމިގްރޭޝަނުން ފުރާއިރު ލިންކު ނުވެ އޮންނާތީ އަދިވެސް ސާފު ނުވޭ. ރެކޯޑު އަތުން ބަލަހައްޓާތީ، ބޯޑާ ހުރަސްކޮށް ދާ މީހާ އަޕްޑޭޓު ނުވާތީ، ރެކޯޑުތައް ހުންނަނީ ރަނގަޅަކަށް ނޫން. މި ގެންނަމުންދާ ބަދަލުތަކާއެކީ އެކަން ސާފުވަމުން މިދަނީ،"
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އަދި މި ސަރުކާރުން ބިދޭސީން ގެނައުމުގެ ހުއްދަ ދޫކޮށްފައިވާ ވަރު ތަފާސްހިސާބުގެ އަލީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވެ ދެއްވައިފައެވެ.

އެގޮތުން ފައްޔާޒު ވިދާޅުވިގޮތުގައި 2013 އިން 2018 އާ ހަމައަށް ވަނީ ބަންގްލަދޭޝްގެ މީހުން ގެންނަން 115،800 ޕާމިޓް ދޫކޮށްފައެވެ. ނަމަވެސް މި ސަރުކާރުން 2019 އިން 2021 އާ ހަމައަށް ދޫކުރީ 11،113 ޕާމިޓް ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ މީހުން ގެންނަން 2013 އިން ފެށިގެން 2018 އާ ހަމައަށް 43،100 ޕާމިޓް ދޫކޮށްފައިވާ ކަމަށާއި 2019 އިން ފެށިގެން 2021 އާ ހަމަޔަށް 23،000 ޕާމިޓް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީ-ރެގިއުލޭޓް ކުރުމަށް ސަރުކާރުން ހުޅުވައިލުމުން 43،000 ބިދޭސީން ރަޖިސްޓަރީ ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.