މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެރޭ މަޖީދީމަގު އެންމެން ކުރިމަތީގައި ގޮއްވާލި ބޮމުގެ ތަހްގީގު ނުކުރެވިގެން އުޅޭއިރު ދެގަޑިއިރުތެރޭ އޯޑިއޯ އެނެލިސިސް ހަދާ ޖޭއެސްސީން ނިންމީ ކިހިނެއްތޯ ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ.
ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އަޑަށް ކިތަންމެ ބާރުލާފައި ދޮގުކުރެއްވިޔަސް ފަނޑިޔާރު ފާއިޒްގެ ލީކުވެފައިވާ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއްކަމަށް ޖޭއެސްސީގެ ރައީސާ ހިސާން ހުސެއިން ވިދާޅުވެފައިވާ ކަމަށެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯ ސައްހަ ކަމަށް ކުރިން ހިސާން ވިދާޅުވި ވާހަކަ އޭނާ ދޮގު ކުރައްވާފައިވަނިކޮށެވެ.
މީގެ އިތުރުން ޝިޔާމް ވަނީ މިސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ދިވެހި ރައްޔިތުންނަށް އެނގި ފެންނަމުންދާ ކަމަށާއި މިގައުމުގެ މިނިވަންކަން ގެއްލޭ އެތައް އެއްބަސްވުމެއްގައި ސޮއިކުރަމުންދާކަން ދިވެހި ރައްޔިތުންނަށް އެނގޭކަމަށް ވިދާޅުވިއެވެ.
މިހާތަނަށް އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްްގެ އޯޑިއޯ ވަނީ ލީކުވެފައެވެ. ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.
ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް އާއި އަލީ އާދަމް އަދި މުހައްމަދު ސަމީރު ފަރާތުން މައުލޫމާތު ސާފު ކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަދި އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށް ވާ ގާޒީ އަލީ ރަޝީދު ހުސައިން އާއި އަހްމަދު ޝަކޫލް އާ ސުވާލު ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި އެ ފަނޑިޔާރުން ވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރެއްވި ކަމަށް ޖޭއެސްސީން ބުނެއެވެ.
ތިޔަސުވާލުގެ ޖަވާބުވަރަށް ސަޅި ؟ ޕަޢުންޑޭސަން އަޅާފާ ފަސްޓު ފުލޯގެ ގުގުރެޓުނިމުން ކަމަށްހަދާ ޕޭމަންޓު ހޯދުންކަހަލަކަމެށްތޯ؟؟ ....