ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް 270 ފޯމު ހުށައަޅާފާވާތީ ދެ މުނާސަބަތެއްގައި އެ އިނާމު ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެ ގޮތުން އެ އިނާމު ދިނުމަށް ރައީސް ނިންމެވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށައެޅުމުގެ މުއްދަތު، މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފާވާއިރު ޖުމްލަ 270 ފޯމު ހުށައަޅައިފައިވާ ކަމަށާއި އަދި ގައުމީ އިނާމަށް މިއަހަރު 72 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް މިގޮތަށް ނިންމެވީ ގައުމީ އިނާމާ ބެހޭ ކޮމިޓީއާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި، ގައުމީ އިނާމާއި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގޮތާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ކޮމިޓީގެ ޗެއާޕާސަން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އަނީސާ އަހްމަދު ވިދާޅުވީ ގައުމީ އިނާމަށް މީހުން ހޮވުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށާއި މިއީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފުރުސަތު ހުޅުވާލި ފުރަތަމަފަހަރު ކަމަށްވާތީ، ފޯމު ފުރިހަމަކުރުމުގައި ބައެއް ފަރާތްތަކަށް ވަރަށްގިނަ ދަތިތައް ކުރިމަތިވިކަމަށެވެ. އެގޮތުން ފޯމާއެކު ހުށައަޅަން ޖެހޭ ބައެއް ލިޔުންތައް ހުށައަޅާފައި ނުވާތީ ލިޔެކިޔުންތައް ހުށައަޅަން އިތުރު ފުރުސަތެއް ދޭން ކޮމިޓީން ނިންމި ކަމުގައި އަނީސާ ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާތަކުން ހުށައެޅި ފޯމުތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާ ގުޅޭގޮތުން އިނާމާބެހޭ ކޮމިޓީން އެ މުއައްސަސާތަކާއި އަދި އަމިއްލަގޮތުން ނަން ހުށައެޅި ފަރާތްތަކަށް ކޮމިޓީން އެކަންކަން ހިއްސާ ކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.