މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތް ފާހަގަކޮށް، އިންޓަނޭޝަނަލް ޖެންޑާ ޗެމްޕިއަން ލަގަބު އަރުވައިފިއެވެ.

އެ ލަގަބު ޝާހިދަށް އަރުވާފައި ވަނީ ނިއުޔޯކްގައި ތިއްބަވާ އަންހެން ސަފީރުންނާއެކު ޝާހިދު ބޭއްވި ބައްދަލުވުމެއްގައެވެ.

ސަފީރުން ވަނީ މިންތީގެ ހަމަހަމަކަން ގާއިމްކޮށް، އދގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ މިންތީގެ ހަމަހަމަކަން ގާއިމް ކޮށްފައިވާ އޮފީހަކަށް ހައްދަވާނެ ކަމަށާ، ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމްވެފައިވާ ޕެނަލްތަކުގައި ކަމަށް ޝާހިދު ވެވަޑައިގެންނެވި ވައުދު ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން މިންތީގެ ހަމަހަމަކަމާއި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ގުޅޭ ތަމްރީންތައް ފުރިހަމަ ކުރުމަށް ޝާހިދުގެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރުވާނެ ކަމަށް ނިންމި ނިންމުމަށް ވެސް ސަފީރުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ޝާހިދުގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ދެބައިކުޅަ އެއްބަޔަކީ ވެސް އަންހެނުންނެވެ.