ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 00:00 ގެނިޔަލަށް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، މެލޭޝިއާއިން ކޮވިޑް ޖެހިގެން 592 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ، ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށުނު ފަހުން، މެލޭޝިއާއިން އެއް ދުވަހާ، އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓް ކުރި ދުވަހެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 5 ވަނަ އަށް އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރިޕޯޓް ކޮށްފައި ވަނީވެސް މެލޭޝިއާއިންނެވެ. މެލޭޝިއާގެ ކުރިއަށް، މި ލިސްޓުގައި ދެން އޮތީ ރަޝިއާ، އެމެރިކާ، މެކްސިކޯ އަދި ބްރެޒީލްއެވެ.
ފާއިތުވީ 7 ދުވަހަށް ބަލާއިރު، މެލޭޝިއާގައި ކޮވިޑް ޖެހިގެން 2536 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއީ، އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 22 ޕަސެންޓް އިތުރު އަދަދެކެވެ.
ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި މެލޭޝިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 19550 ގައެވެ. މީގެ ތެރޭގައި އެ ގައުމަށް އިމްޕޯޓް ވީ 7 ކޭހެއް ކަމަށް ވާއިރު، 19543 ކޭހަކީ، ލޯކަލް ޓްރާންސްމިޝަންއެވެ.
ކަން މިހެން އޮތް އިރު، އިސްކަންދަރު ޕުޓޭރީގެ މަޖިލިސް މެންބަރު ވަނީ، ކޮވިޑްގެ ކަންކަމުގައި މެލޭޝިއާއިން ގެންގުޅޭ އިސްތިރާޖުތައް މުރާޖާ ކުރުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް، އެ ގައުމުގެ އާ ސިއްހަތާ ބެހޭ ވަޒީރަށް ގޮވާލައްވާފައެވެ.