ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން މާދަމާ އަށް އަޑުއެހުމެއް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި އަޑުއެހުން ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ.

އެ މައްސަލައިގައި އަންމަޓީ ބަންދުކޮށްފައި ހުއްޓާ ޖޫން 17 ގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލިއެވެ. ނަމަވެސް، ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.

ކްރިމިނަލް ކޯޓުގައި މީގެކުރިން ބޭއްވި މި މައްސަލައިގެ އަޑުއެހުމެއްގައި އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ތެރެއިން ދައުލަތުން ވަނީ ހަތަރު ދައުވާއެއް އިއްވާފައެވެ. އެ ދައުވާތައް އިއްވުމުން އަންމަޓީ ވަނީ އެ ދައުވާތައް ސާފުވި ކަމަށާއި ނަމަވެސް ދައުވާތަކަށް އިންކާރު ކުރާ ކަމަށް ބުނެފައެވެ.

އިއްވި ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ 24 ޝަފައީ ހެއްކަކާއި 16 ކިތާބީ ހެއްކެއް ކޮންމެ ދައުވާއަކަށް ހުށަހަޅާފައެވެ. ހުރިހާ ދައުވާއެއްގައި ގާތްގަނޑަކަށް ހުށަހަޅާފައި ވަނީ އެއް ހެކިތަކެވެ. ތަފާތު ވަނީ ބަދަލު ލިބޭ ފަރާތުގެ ހެކި ބަހެވެ. ކިތާބީ ހެކިންގެ ތެރެއިން ވެސް ތަފާތު ވަނީ ބަދަލު ލިބޭ ފަރާތުން ސީލައިފަށް ދައްކާފައިވާ 50،000 ރުފިޔާގެ ޕޭމަންޓް ރިސިޕްޓެވެ.ދައުވާތަކަށް ފަހުން ޖަވާބުދާރީވެ، ދިފާއީ ހެކިން ހުށަހަޅަށް ގާޒީ ވަނީ ދައުވާ ލިބޭ އަންމަޓީ އަށް ފުރުސަތު ދީފައެވެ. ދައުލަތުން އަންމަޓީގެ އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.

އަންމަޓީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގީ އިދާރާތަަކަށް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ލަންކާގެ ފުލުހުން އޭނާ މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުން ޖެހިގެން އައި މާޗް މަހު ދިވެހި ފުލުހުން ވަނީ އެ ގައުމަށް ގޮސް އަންމަޓީ ރާއްޖެ ގެނެސްފައެވެ.

އެހެން ނަމަވެސް އަންމަޓީ ކޯޓުގައި ބުނީ އޭނާ އުޅުނީ ފިލައިގެން ނޫން ކަމަށެވެ. ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން އުޅޭތީ ކަމަށް އޭނާ ބުނެއެވެ.