21 ވަނަ ގަރުނުގެ ރޭހުގައި، ކުރިއަރާ، ތަރައްގީ ވެފައި ވާ ގައުމުތަކުތަކުން އުފައްދާފައި ވާ މޫސޫމީ ނޭދެވޭ ބަދަލުތަކުގެ ކާރިސާއަށް ފުރިހަމަ ހައްލެއް ހޯދުމުގެ ފުރުސަތު އޮތީވެސް ހަމަ އެކަނި އެ ގައުމުތަކަށް ކަމުގައި ބުނެވިދާނެއެވެ. ނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް، އޭގެ އެންމެ އިންތިހާއަށް ތަހައްމަލު ކުރަމުން ދަނީ ދިވެހިރާއްޖެ ފަދަ، ކުދި ޖަޒީރާ ގައުމުތަކުން ކަމީވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މޫސުމީ ގަދަ ވިއްސާރަތަކާ ކުރިމަތިލާން ޖެހުން ފަދަ މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލާން ޖެހިފައި ވާއިރު، މިކަން ކަމާ ކުރިމަތިލާ، އެ ފަދަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ގައުމުތަކުން އުފުލަން ޖެހޭ ބުރަ ބޮޑެވެ. ނަތީޖާއަކަށް ވަނީ، ކުދި ޖަޒީރާ ގައުމުތަކުގެ ދެމި އޮތުން ކަށަވަރު ކުރުމަށްޓަކާ، ތަރައްގީ ވެފައި ވާ ބޮޑެތި ގައުމުތަކުގެ މައްޗަށް ބަރޯސާ ވާން ޖެހުމެވެ.

ހޯރަފުށި އެއާޕޯޓު / ފޮތޯ: ސޯޝަލް މީޑިއާ

ކުރިއަށް އޮތީ މިފަދަ ކަންކަމުގައި އެންމެ ފުޅާ ދާއިރާއެއްގައި ބަހުސް ކުރުމަށް ހުޅުވާލެވޭ އެންމެ ތަނަވަސް ފުރުސަތު ކަމުގައި ނޫނީ ނުވާނެއެވެ. އޮކްޓޯބަރު މަހު ގްލާސްގޯގައި ފަށާ، ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް26) އަކި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެންމެ ވަރުގަދަ ސަމިޓް ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ.

ކޮޕް26 ގެ ބައްދަލުވުމަކީ، ގައުމުތަކުން ބޭރު ކުރާ، ޖައްވު ހޫނުކުރާ ވިހަ ގޭހުގެ މިންވަރު ދަށް ކުރުމަށް، މީގެ 6 އަހަރު ދުވަސް ކުރިން ފަރަންސޭސިވިލާތުގައި، ޕެރިސް އެގްރީމަންޓްގެ ދަށުން ވި ވައުދުތައް މުރާޖާ ކުރާނެ ބައްދަލުވުމެކެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ލިބެމުން ދަނީ ވެށީގެ ގެއްލުންތައް އެކަންޏެއް ނޫނެވެ. ވެށީގެ ނޭދެވޭ ބަދަލުތަކާއެކު މި ގައުމުތަކުގެ ގައުމީ އުފެއްދުންތެރިކަމާއި އިގުތިސޯދަށް ނޭދެވޭ އަސަރު ފޯރާ، މާލިއްޔާތު ހީނަރުވެއެވެ.

އެންއެންޑީފުން އައްޑޫ އަށް ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެނީ / ފޮތޯ

ކުދި ޖަޒީރާ ގައުމުތަކުން ކޮޕް26 އާ ކުރިމަތިލަނީ، މުއްސަނދި ގައުމުތަކުގެ "ހޮޅި" ވައުދުތަކެއް އަޑު ނޭހުމުގެ ރޫހުގައެވެ. ހަގީގީ ދުނިޔޭގައި ނަތީޖާ ނެރެވެނި އަމާޒުތަކެއްގެ އުއްމީދުގައެވެ. ގަނޑަށް ރީތި، ބިލާހެއް ފަދަ ހުވަފެންތަކެއް ދުށުމަށް، އެދޭ ގައުމެއް އޮންނާނެހެނެއް ހީއެއް ނުވެއެވެ.

އިން އެދެވޭ ނަތީޖާއެއް ނެރުމަކީ، "ދިރިހުރުމާއި މަރާ" ގުޅިފައި ވާ ކަމެއް ކަމަށް، އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު / ފޮޓޯ: ފޮރިން މިނިސްޓްރީ

މޫސުމީ ނޭދެވޭ ބަދަލަކީ، ދިވެހިންނަށް ސައެންސްގެ ފަލްސަފާއެއް ނޫން ކަމަށާ، މިކަމަކީ، ދިވެހިންގެ ދެމި އޮތުމާ ގުޅިފައި ވާ ކަމެއް ކަމަށެވެ. ދިރިހުރުމާއި ނެތި ދިއުން ގުޅިފައި ވަނީ، މި މަރުހަލާތަކުގެ ތެރެއިން ހާސިލުވާ ކަމެއްގެ މައްޗަށް ކަމަށްވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި، ކޮޕް26ގެ ބައްދަލުވުމަކީ، ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ކާރިސާއަށް ހައްލު ހޯދުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ. މި ބައްދަލުވަމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާތަކަށް، އެއް އަޑަކުން، އެއް ރޫހެއްގައި ވާހަކަދައްކާ، ސިނާއީ ބާރުވެރިން ޒިންމާދާރު ކުރުވަން ލިބޭ ފަހު ފުރުސަތަށްވެސް ވެދާނެއެވެ. އިންޒާރުގެ އިތުރު ރަނގަބީލަކަށް ބޭނުމެއްނުވެއެވެ. އެފަދަ ކަމެއް ތަހައްމަލު ކުރުމުގެ ބާރެއްވެސް މިއަދު، ކުދި ޖަޒީރާ ގައުމުތަކަށް ލިބިގެންނެއް ނުވެއެވެ.