މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ރައީސް ކަމަށާ ނައިބު ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްއާރްއެމް އިން ބުނީ އެޕާޓީގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން އޮކްޓޯބަރު 2، 2011 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެމްއާރްއެމް ގެ ނޭޝަނަލް ކޮންވެންޝަންގައި ޕާޓީގެ އިސްމަގާމުތަކާ ކޮމިޓީ ތަކަށް އިންތިހާބު ކުރުމަށް، ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު، ރޭ 09:00 އިން މިމަހު 16 ވަނަ ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.
އެހެންކަމުން، ޕާޓީގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މަގާމަކަށް ކުރިމަތިލުމަށް އެދޭ މެންބަރުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެމްއާރްއެމް އިން ވަނީ އެދިފައެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ޕާޓީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އެމްއާރްއެމް އިން ބުނެއެވެ.
އެމްއާރްއެމް އިން ވަނީ އެ ޕާޓީގެ ޒައީމްގެ މަގާމު، ޕާޓީގެ ރައީސް، ނައިބު ރައީސް، ޕާޓީގެ ނައިބު ރައީސް (އަންހެން)، އެގްޒެކެޓިވް ކޮމިޓީ އަށް އަންހެން އަދި ފިރިހެން ހިމެނޭ ގޮތަށް އިންތިހާބުކުރާ 20 މަގާމަށް ކުރިމަތިލާން ހުޅުވާލާފައެވެ.
އޭގެ އިތުރުން ޒުވާނުންގެ ކައުންސިލްގެ ރައީސް، ނައިބު ރައީސް އަދި އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ވެސް ކުރިމަތިލާން ވަނީ ހުޅުވާލާފައެވެ.
އެމްއާރްއެމް އިން ބުނީ ޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭނީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ކަމަށެވެ. އަދި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފާ ނުވާ ފަރާތްތަކަށް ކަމަށް އެޕާޓީން ބުނެއެވެ.