"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މާދަމާ ހިނގާލުމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މާދަމާ މަގުމައްޗަށް ނިކުންނަން ނިންމީ އިންސާފު ގެއްލިފައިވާތީ، އިންސާފު ހޯދުމަށް ކަމަށެވެ.

ސުޖާއު ވިދާޅުވީ މި ހަރަކާތް މޮނިޓަރިންގެ ހާލަތުގައި ނެތް، ކޮންމެ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ވާ ކަމަށެވެ.

މި ހަރަކާތް ފެށުމަށް ނިންމާފައި ވަނީ މާދަމާ ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

"ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ރައީސް ޔާމީންވެސް ހިމެނޭ ގޮތުން އެތައްހާސް ބަޔަކަށް މިއަދު ވަނީ އިންސާފު ގެއްލިފައި. އެހެން ކަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް މި ނިކުންނަނީ 'އިންސާފު ހޯދަން' މިނަމުގައި،"
ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު

ނޫސްވެރިންގެ މި ބައްދަލުވުމުގައި ކ. އަތޮޅުގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގެ ނާއިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވީ މާދަމާ މާލޭގައި އެ ހަރަކާތް ފެށޭނީ ޕީޕީއެމްގެ އޮފީސް ކުރިމަތިން ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި އެ ރަށްރަށުގެ ޕީޕީއެމްގެ އޮފީސްތަކުގެ ކުރީމަތީން ކަމަށެވެ.

ހުކުރު ދުވަހުގެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށްވެސް ނިމާލް ވިދާޅުވިއެވެ. އަދި މާލެ ސިޓީގެ ކައުންސިލްގެ ހުއްދަ ލިބިފައިވާ ކަަމަށާއި އަދި ހިނގާލުުމުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަށް ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށެވެ.

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހިނގާލުމެއް ބާއްވަން ނިންމާފައި މިވަނީ ރައީސް ޔާމީންގެ މައްސަލަ ދަށު ކޯޓްގައި ހިންގެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒު އާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމުވެފައިވަނިކޮށެވެ. ނަމަވެސް އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އެ ފަނޑިޔާރުންނާއި ހަވާލާދީ ޖޭއެސްސީން ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ވަނީ "އައްޑަނަ" ނަމުގައި ކާނިވަލް ސަރަހައްދުގައި ޖަލްސާއެއްވެސް ބާއްވާފައެވެ.