ގައުމީ އެއާލައިން، މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުންތަކެއްް އެއްފަހަރާ ވަޒީފާއިން ވަކިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މޯލްޑިވިއަންގައި މަސައްކަތް ކުރާ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުން ވަނީ އެ ކުންފުނިން ވަކިވެފައެވެ.

އަދި މީގެ އިތުރުން އެކުންފުނީގައި މަސައްކަތް ކުރާ ހެޑް އޮފް ޓްރެއިނިންއާއި ހެޑް އޮފް އޮޕަރޭޝަންސް، މަގާމުން އިސްތިއުފާ ދެއްވާފައި ވާ ކަމަށް މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމު ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

މޯލްޑީވިއަންގެ ހަތް ޕައިލެޓަކު ވަކިވެފައިވާ ސަބަބަކީ ވާދަވެރި އެއާލައިނަކަށް ދިއުމަށް ރަނގަޅު ފުރުސަތެއް ލިބިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މޯލްޑިވިއަންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، މޯލްޑިވިއަން ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ ހަދަން މަޝްވަރާތައް ފަށައިފި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް އެކަން ކުރަނީ ކޮން ކުންފުންޏަކާއެކު ކަން ހާމަނުކުރި ނަމަވެސް އެކަން ކުރަން ވިސްނަނީ މެދުއިރުމަތީގެ އެއާލައިނަކާއެކު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަން އަކީ އައިލެންޑް އޭވިއޭޝަންގެ ދަށުން ދުއްވަމުން ދިޔަ ބޯޓުގެ ނަން ބަދަލުކޮށް ފެށި އެއާލައިނެވެ. އޮގަސްޓް 25، 2008 ގައި "މޯލްޑިވިއަން" އިފްތިތާހުކޮށްދެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.