އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ. ޅައިމަގަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަށުގެ އަންހެންުންގެ ކޮމިޓީން މިއަދު އެދިފައި ވަނީ މިހާރު ދެމުން އަންނަ މުސާރަ އާއި އެލަވަންސް އިތުރުކޮށް ދިނުމަށެވެ. މީގެ އިތުރުން ވެސް އެ ރަށުގައި ހިނގާ މަޝްރޫއުތަކުގެ ތަފްސީލްތަކުގެ އިތުރުން ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

އެ ރަށުން ހުށަހެޅި ކަންކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ތިބި މެންބަރުންގެ މުސާރަ އާއި އެލަވަންސް ބޮޑު ކުރުމަކީ ސަރުކާރުން ވިސްނައި ވަރަށް އަވަހަށް އަމަލުކުރަން ފަށަން ނިންމާފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން ކޮމިޓީތަކަށް މިހާރު ދެމުން އަންނަ މުސާރަ އާއި އެލަވަންސަށް ވުރެން ދެގުނަ ބޮޑުވާ ގޮތަށް އޮތް މުސާރައިގެ އޮނިގަނޑަށް އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީތަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މިހާރު ލިބެނީ ޖުމްލަ 3،000 ރުފިޔާއެވެ. ނަމަވެސް މިހާރު ތައްޔާރު ކޮށްފައިވާ މުސާރައިގެ އޮނިގަނޑު އޮތް ގޮތުން، އެ އަދަދު 6،000 ރުފިޔާއަށް އަށް ބޮޑުވާނެއެވެ.

މުސާރައަށް ގެންނަ ބަދަލުގެ ތެރޭގައި ސިޓީ ކައުންސިލްގެ ކޮމިޓީތަކުގެ ރައީސަށް 7،000 ރުފިޔާ، ނައިބު ރައީސަށް 6،500 ރުފިޔާ އަދި މެންބަރުންނަށް 6000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ރަށު ކައުންސިލްގެ ކޮމިޓީތަކުގެ ރައީސަށް 6،000 ރުފިޔާ ނައިބު ރައީސަށް 5،500 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު އިންތިހާބުކޮށްފައިވާ ކޮމިޓީތަކަށް އޮތީ ރަށާއި އަތޮޅު ތަރައްގީގައި ކުރިއަށް ވުރެން ބޮޑަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއެވެ.