ފުވައްމުލަކު ސިޓީގައި ޕީސީއާރް ޓެސްޓު ނުހެދޭ މައްސަލަ ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޝަރީފް މަޖިލީހަށް ހުށައެޅުއްވި މައްސަލައިގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހުމުގެ ސަބަބުން ގިނަގުނަ ދަތިތަކަކާއި އުނދަގޫތަކެއް ފުވައްމުލަކު ސިޓީގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަމަށެވެ.

އަދި ޕީސީއާރް ޓެސްޓް ފުވައްމުލަކު ސިޓީގައި ހެދޭނެ އިންތިޒާމު މިހާތަނަށް އައިއިރުވެސް ހަމަޖެހިފާ ނެތުމުގެ ސަބަބުން، ދަތުރުފަތުރު ކުރަން ދަތިވެ، އިގްތިސާދީ ގޮތުންނާ މާލީގޮތުން ބޮޑެތި ގެއްލުންތައް އެ ސިޓީއަށް ދަނީ ލިބެމުންދާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކު ސިޓީއަކީ ދައުލަތުން "ސިޓީ"ގެ ދަރަޖަ ދީފައިވާ ރަށެއްކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުން ޕީސީއާރް ޓެސްޓް ހަދަން ސާމްޕަލް ނެގުމަށްފަހު އެ ސާމްޕަލް ފޮނުވަން ޖެހެނީ އެހެން ސިޓީއަކަށް ކަމަށެވެ. އަދި ޓެސްޓްގެ ސާމްޕަލް އެހެން ސިޓީއަކަށްފޮނުވުމަށްފަހު، އެ އެސިޓީއަކުން ޓެސްޓްގެ ނަތީޖާ ލިބެންދެން، ތިން ހަތަރު ދުވަހު މަޑުކުރަންޖެހުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހުށަހަޅާގެން، ފުވައްމުލަކު ސިޓީގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމު މިހާ ދުވަސްވީއިރުވެސް ހަމަޖެހިފާ ނުވަނީ ކީއްވެ ކަމާ ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމު ފުވައްމުލަކުގައި ހަމަޖެހޭނެ ތާރީހު ސާފުކޮށްދެއްވުމަށް ޝަރީފު ވަނީ އެދިފައެވެ.