އަދުލު އިންސާފު ގާއިމު ކުރުމަށް ކުރާ މަސައްކަތްތަކަށް އެކި ތުހުމަތު ކުރަނީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ކަމަށާއި އެފަދަ ކަންކަން ހުއްޓުވޭނީ އެ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދީގެން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބައެއް ފަނޑިޔާރުންނާއި ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ރައްދު ދެމުންނެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ޝަރުއީ ދާއިރާއިން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބައެއް ވަކީލުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭ ފަދަ ވާހަކަ ތަކެއް ކަމަށެވެ.

އެފަދަ ބޭފުޅުން، ވަކި މައްސަލައެއް ހިނގައި ދިޔަ ގޮތާ މެދު ޝަރުއީ ނިޒާމުގެ އަގުވެއްޓޭ ފަދަ ވާހަކަ ދެއްކެވުމަކީ އެ ޕާޓީން ކުށްވެރި ކުރާ ކަމެއް ކަމަށް ބުނެއެވެ. ޝަރީއަތާށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހުއްޓުވޭނީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ޖިނާއީ ތަހްގީގެއް ހިންގައި، އެފަރާތަކަށް ހައްގު އަދަބު ދީގެން ކަމުގައި ޖޭޕީން ދެކޭ ކަމަށް ވެސް ބުނެއެވެ.

އެކަމަކީ ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލުވާލުމަށާއި، އަދުލުއިންސާފު ގާއިމު ކުރުމަށް ކުރެވޭ މަސައްކަތާ މެދު ޝައްކު އުފެއްދުމަށާއި، އިންސާފުވެރިކޮށް ބޭއްވޭ ޝަރީއަތްތަކަށް ހުރަސް އެޅުމަށާއި، އަދި ފަނޑިޔާރުންނަށާއި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ސިޔާސީ މަސައްކަތެއް ކަމަށް ޖޭޕީން ސިފަކުރެއެވެ. ފަނޑިޔާރުންނާއި ވަކީލުންނަކީ އިސްލާމްދީނަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމް ކުރާ، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިއްބަވާ ހައްގުބަސް ވިދާޅުވާން ޖެހޭ ބައެއް ކަމަށް ޖޭޕީން ބުނެއެވެ.