ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހ. އިރުވައި، މުހައްމަދު އާސިފް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ.ގުރުވަ އަހްމަދު އާހިދު ރަޝީދު އައްޔަން ކުރައްވައިފިއެވެ.

މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، އާސިފާ ރައީސް ސޯލިހު ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އީސީ މެންބަރު ކަމުގެ މަގާމުގެ ލިޔުން އާސިފް އާ ހަވާލުކުރުން / ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސްގެ ކުރިފުޅުމަތީގައި، އީސީގެ މެންބަރުކަމުގެ ހުވާ، އާސިފް ކުރެއްވިއެވެ. އާސިފަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

އާސިފަކީ މީގެ ކުރިން އީސީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާ، އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އާހިދު އައްޔަނުކުރައްވާފައިވަނީ މިއަދު ހެނދުނު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އާހިދު އެންމެ ފަހުން ފުރުއްވާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވާނަންސް މެނޭޖަރުގެ މަގާމެވެ. އާހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ލީގަލް އެޑްވައިޒަރުގެ މަގާމާ، ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އޭގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރުގެ މަގާމާ، މޯލްޑިވްސް ވޮލަންޓިއާސް ކޯޕްސްގެ ސީއީއޯގެ މަގާމު ވެސް އާހިދު ވަނީ ފުރުއްވާފައެވެ.

އާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔާ ޔުނިވާސިޓީއިން ބެޗެލާ އޮފް ލޯ ވިތް އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާ، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާ ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ހާދިމެކެވެ.