އައިއެސް އިން ނެރެމުން އަންނަ "ވޮއިސް އޮފް ހިންދު" މަޖައްލާއަށް އެކި ގައުމުތަކުން ލިޔުން ފޮނުވާ އިރު އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށް އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ބުނެފިއެވެ.

އެންއައިއޭއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އައިއެސްއަށް މީހުން ރެކްރޫޓް ކުރުމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ކަޝްމީރުން ހައްޔަރު ކުރި ތިން މީހެއްގެ ފަރާތުން ވަނީ މަޖައްލާ ހިންގާ ގޮތާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ލިބިފައެވެ. ހައްޔަރު ކުރި މީހުންނަކީ އުމަރު ނިސާރު، ތަންވީރުއަހްމަދު ބަޓް، ރަމީޒް އަހްމަދު އެވެ.

ކަޝްމީރުން ހައްޔަރު ކުރި ތިން މީހުންނަކީ "ވޮއިސް އޮފް ހިންދު" މަޖައްލާއަށް ބޭނުންވާ ކޮންޓެންޓް ހޯދައި އެ ތަކެތި ފޮނުވަން ޖެހޭ މީސްމީހުންނަށް ފޮނުވުމުގައި އިސްކޮށް މަސައްކަތް ކުރާ ބައެއް ކަމަށް އެންއައިއޭ އިން ތުހުމަތު ކުރެއެވެ.

އައިއެސްއަށް މީހުން ރެކްރޫޓް ކުރުމުގެ ތުހުމަތިގައި ހައްޔަރު ކުރި ތިން މީހުން

"ވޮއިސް އޮފް ހިންދު" އަކީ އޭޝިއާގެ ގައުމުތަކުގެ ޒުވާނުންނަށް އަމާޒުކޮށް ހަރުކަށި ފިކުރު ފަތުރަމުން އަންނަ މަޖައްލާއެކެވެ. އަދި އެއީ މަހަކު އެއްފަހަރު އޮންލައިންކޮށް ނެރޭ މަޖައްލާއެކެވެ.

މިދިޔަ ޖޫން މަހު "ވޮއިސް އޮފް ހިންދު" ގައި ޝާއިއު ކުރި ލިޔުމެއްގައި އިންޑިއާ އަކީ ދެކުނު އޭޝިއާގެ އިޒްރޭލު ކަމަށް ބުނެފައި ވެއެވެ. އަދި ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވަމުން އަންނާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައި ވެއެވެ، މީގެ ކުރިންވެސް އެތައް ފަހަރަކު، އެކި ކަންކަމާ ގުޅުވައިގެން ރާއްޖޭގެ ވާހަކަ ގެނެސް ރާއްޖޭގައި ހަމަލާ ދިނުމަށް ވެސް ރާއްޖޭގައި ތިބި އައިސިސްގެ ސަޕޯޓަރުންނަށް އެ މަޖައްލާގައި ގޮވާލާފައި ހުރެއެވެ.

އެކި ގައުމުތަކުން ކުރި ތަހުގީގު ތަކުން އެނގެން އޮތް ގޮތުގައި މި މަޖައްލާ ތައްޔާރު ކުރުމުގެ މަސައްކަތުގައި ކަޝްމީރާއި ޕާކިސްތާނާއި އަފްޣާނިސްތާނުން ވެސް މީހުން ބައިވެރިވެއެވެ. އަދި އެތައް ގައުމަކުން އެ މަޖައްލާ ތައްޔާރު ކުރުމަށް ލިޔުން ހޯދާ ކަން ވެސް އެނގިފައި ކަމަށް އެންއައިއޭ އިން ބުނެއެވެ. އެގޮތުން ރާއްޖޭގެ އިތުރުން ބަންގްލާދޭޝް އިން ވެސް މަޖައްލާއަށް ލިޔުންތައް ފޮނުވާ މީހުން އުޅޭކަމަށް އެންއައިއޭ އިން ބުނެއެވެ.

މަޖައްލާއަށް ފޮނުވާ ލިޔުންތައް ލިބުމާއެކު އެ ތަކެތި އެޑިޓްކޮށް ޑިޒައިންކޮށް ހަދަނީ ޕާކިސްތާނުގައި ކަމަށް އެންއައިއޭއިން ބުނެއެވެ. އެގޮތުން އަރަބިން ލިޔެފައި ހުންނަ ލިޔުންތައް އިންގިރެސި ބަހަށް ތަރުޖަމާ ކޮށްފައި އެ މަޖައްލާގައި ޝާއިއުކުރާ ކަމަށް ވެސް އެންއައިއޭ އިން ބުނެއެވެ. އަދި މި މަސައްކަތުގައި އުޅެނީ ކިޔަވައިގެން ތިބި ޒުވާނުން ކަމަށާއި އެ މަސައްކަތަށް އެމީހުންނަށް މުސާރަ ވެސް ދެމުންދާ ކަމަށް އެންއައިއޭ އިން ބުނެއެވެ.