ރ. އަލިފުށީގައި އަޅަން ބުނި އެއާޕޯޓާއި ގުޅޭގޮތުން ސުވާލުކުރުމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޖަވާބެއް ނުދެއްވާ، ވާހަކަ ބަދަލުކޮށްލައްވައިފިއެވެ.

މިއަދު މަޖިލީހަށް މިނިސްޓަރު އަސްލަމް ވަޑައިގަތީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމު އަބްދުލްހަކީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށެވެ. އެގޮތުން ޝަހީމު ސުވާލު ކުރައްވާފަވަނީ ބައެއް ރަށްތަކުގެ ނަރުދަމާއާއި ފެނުގެ ނިޒާމުގެ މަސައްކަތް ލަސްވަމުންދާތީ އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާ ގުޅޭ ގޮތުންނެވެ.

އެސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު އިތުރު ސުވާލުކުރުމުގެ ވަގުތުގައި ގިނަ މެންބަރުންތަކެއް ވަނީ އެހެން މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.

އެގޮތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ އަލިފުށްޓަށް ބަޖެޓް ކަނޑައެޅިފައި ނުވާ ކަމެއް ކުރަން "ކުއްލިއަކަށް" ހަވާލު ކުރުމުން އަލިފުށި ރައްޔިތުންނަށް އޭގެ ސަބަބުން "ލަނޑެއް" ނުލިބޭނެތޯ ސުވާލު ކުރައްވައިފައެވެ.

އަދި، އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމުމާ ގުޅިގެން ރައްޔިތުންނަށް ވިދާޅުވާނީ ކީކޭތޯ އޮޅުންފިލުވާ ދިނުމަށް އެދިފައެވެ.

ނަމަވެސް އެސުވާލުތަކަށް އަސްލަމް ޖަވާބުދެއްވާފައިނުވާއިރު އަސްލަމް ވިދާޅުވީ ވީ މަޖިލީހަށް ވަޑައިގަންނަވަން ޖެހޭކަންވެސް އެނގިވަޑައިގެންނެވީ އިއްޔެ މެންދުރު ކަމަށާއި، މިއަދުގެ އަސްލު ސުވާލަކީ ފެނާއި ނަރުދަމާއާ ގުޅޭ ސުވާލަކަށް ވާތީ އެ ދާއިރާގެ ގިނަ މައުލޫމާތު ހުރި ނަމަވެސް އެ ނޫން ދާއިރާގެ ސުވާލުތަކަށް ޖަވާބު ދެއްވަން ދަތިވާ ކަމަށެވެ.