ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޒަހަމްވި އެމަނިކުފާނުގެ ކަނާއަތުގެ ތިން އިނގިލި މުޅިން ރަނގަޅުވާނެ ކަމުގެ އުންމީދު ކުޑަ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ހާލުކޮޅު މިހާރު ކުރިއަށް ވުރެ މާބޮޑަށް ރަނގަޅު ކަމަށެވެ. ނަމަވެސް ކަނާއަތްޕުޅުގެ ތިން އިނގިލި އައްސިވެފައި ހުންނާތީ އެ ތިން އިނގިލި އަދިވެސް ބޭނުން ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ.

"ޑޮކްޓަރުން އެބަ އުއްމީދުކުރޭ އެއަށް ފަރުވާއެއް ލިބިދާނެ ކަމަށް. އެހެން ނަމަވެސް އެއީ އަޅުގަނޑަށް ފެންނަ ތަނުގައި ފަނޑު އުއްމީދެއް،"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ފުރަތަމަ ވެސް ދެއްވީ ސިއްހީ ހާލުކޮޅާ ބެހޭ މައުލޫމާތެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި މިހާރު ޑޮކްޓަރަށް ދައްކަވަން ޖެހިވަޑައިގަންނަވަނީ ކޮންމެ ތިން ހަފްތާއަކުން އެއް ފަހަރުއެވެ. އެހެންކަމުން މިވަގުތު ރާއްޖެ ވަޑައިގަތުމަކީ އުނދަގޫ ކަމެއް ކަމަށާއި މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަށް ރާއްޖެ ވަޑައިގަންނަވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން، އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން، "ކްލަބް ހައުސް" ގައި ވަހަކަ ދައްކަވަމުން ނަޝީދު ވަނީ ހަޔާތްޕުޅުގެ ބާކީ އޮތްތަނުގައި އުޅުއްވަން ޖެހިވަޑައިގަންނަވާނީ ބަޅު މެދު އިނގިއްޔަކާ އެކު ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށެވެ. އެއަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގަައެވެ.