އެމްޑީޕީގެ ޕްރައިމަރީގައި ބައްޔެއް ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވީ މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްދު ސޯލިހަށް ޕްރައިމަރީ އިން ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް ތާއީދު ކުރައްވާނެ ތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވާދަކޮށްފިނަމަ ބަލި ނުވާނެ ކަމަށާއި ބަލިވެއްޖެނަމަ ދެންވާނެ ކަމަކީ ސުވާލު އުފެދޭ ކަމެއް ނޫން ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އެމްޑީޕީން ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޓިކެޓް ކަމަށެވެ. އަދި އެ ޓިކެޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ އެވަގުތު އެމަނިކުފާނަށް ކުރިމަތިނުލެއްވޭނެ ހާލަތެއް އޮތުމުން ކަމަށެވެ.

އޭގެ އިތުރުން ޕްރައިމަރީ އަކާ ނުލާ، ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންނެވި ނަމަވެސް ޕްރައިމަރީއާ ނުލައި ޓިކެޓް ލިބޭނެ އުސޫލެއް އެމްޑީޕީގައި ނެތް ކަމަށް ނަޝީދު ވަނީ ފާހަގަކުަރައްވާފައެވެ.

މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.