މަޖިލީހަށް ހާޒިރުވެ ވަޑައިނުގަތް ނަމަވެސް މުސާރަ ނަންގަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މުސާރަ ނެންގެވި ނަމަވެސް، ކޮމިޓީތަކުގައި ބައިވެރި ނުވާތީ ކޮމިޓީ އެލަވެންސް ނުލިބޭ ކަމަށެވެ.

ނަޝީދު ވަނީ މަޖިލީހުގެ ބައެއް މެންބަރުންނަށް އާމްދަނީ ލިބޭނެ އެހެން ގޮތްތައް ހުރި ނަމަވެސް އެމަނިކުފާނަށް އެ ފަދަ ގޮތެއް ނެތް ކަމަށް ވިދާޅުވެފައެވެ،

މޭ 6 ވަނަ ދުވަހު ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއިން ނަޝީދުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު އޭޑީކޭއިން ފަރުވާ ހޯއްދެވުމަށް ފަހު ދޮޅު މަހެއްހާ ދުވަސް ވަން ދެން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ނަޝީދު ފަރުވާ ހޯއްދެވިއެވެ.

ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހަމަލާ ރޭވި އިސް މީހުން ނުހޯދޭހާ ހިނދަކު ރައްކާތެރިކަން ކަށަވަރު ނުވާނެތީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެއެވެ.