މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު މޭލާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ގާބިލްކަން އެބަހުރި ކަމަށާއި ފުލުހުންނަށް އިތުބާރު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝިދު އެހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ހަމަލާއަށް ފައިސާ ހަރަދު ކުރި މީހުންނާ، އިރުޝާދު ދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އެ ތަހުގީގު ކުރިއަށް ގެންދަން ފުލުހުންގެ ގާބިލްކަން ހުރި ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިދާރާ އަށް އިންތިހާއަށް އިތުބާރު ކުރައްވާ ކަމަށެވެ.

މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެކެވެ.

މި މައްސަލައިގައި މިހާތަނާށް 10 މީހަކު ހައްޔަރު ކޮށްފަިއވާ އިރު އޭގެތެރެެއިން 4 މީހަކަށް ދައުވާ ކޮށްފައި ވެއެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ދައުވާ ކުރަން ފޮނުވައިފައި ވާ ހަތަރު މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ. ފާތިހުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އޭނާ މިހާރު ހުރީ ދޫކޮށްލާފައެވެ.