މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި، ނިއުޒީލަންޑްގެ އޯކްލަންޑްގެ ސުޕަމާޓަކަށް ވަދެ، ތޫނު އެއްޗަކުން ހަމަލާދިން ޓެރަރިސްޓް ޑީޕޯޓް ކުރެވެން ނެތް ކަމަށާއި، އޭނާ ޑީޕޯޓް ކުރެވެން ނެތީ، އޭނާއާ ދެކޮޅަށް މިހާރުވެސް ކުރިއަށްދާ ޖިނާއީ ދައުވާއެއްގެ ޝަރިޔަތާ ގުޅިގެން ކަމަށް، ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

އެޑާން ވަނީ، މިކަމުގައި، ކަމާ ބެހޭ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޓެރިސްޓް ހަމަލާ ދިން މީހާ ދޫކޮށްލަން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށާ، އޭނާ ޑީޕޯޓް ކުރަން އެދި ހުށަހަޅާފައި ވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަދި ވަގުތު ނަގާނެ ކަމަށްވެސް އެޑާން ވަނީ ވިދާޅުވެފައެވެ.

އަހުމަދު ޝަމްސުއްދީންގެ ނަމުން މީޑިއާއަށް ނަން އާންމު ކޮށްފައި ވާ އެ މީހާ ޑީޕޯޓް ކުރެވޭނެ ގޮތްތައް މިހާރުވެސް ބަލަމުން އަންނަ ކަމަށް އެޑާން ވަނީ ވިދާޅުވެފައެވެ. އެ މީހަކީ ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށާ، އެއީ ޓެރަރިސްޓް އައިސިސް ޖަމާއަތަށް ތާއީދު ކުރާ، ހަރުކަށި ފިކުރުގެ މީހެއް ކަމަށްވެސް ނިއުޒީލަންޑުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި، 3 އަހަރެއްހާ ދުވަސް ވަންދެން ޝަމްސުއްދީން ބަންދުގައިވެސް ހުއްޓެވެ. ނަމަވެސް އެ ގައުމުގެ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އިތުރަށް އޭނާ ބަންދު ކޮށްފައި ބެހެއްޓުމުގެ ފުރުސަތެއް، ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކަކަށް ނެތެވެ.

ހުކުރު ދުވަހުގެ ހަމަލާގައި ޝަމްސުއްދީން ވަނީ ސުޕަމާޓަކަށް ވަދެ، ތޫނު އެއްޗަކުން ހަމަލާ ދީ، 7 މީހުން ޒަހަމް ކޮށްލާފައެވެ. އުމުރުން 32 ގެ ޝަމްސުއްދީންގެ ޝިކާރައަކަށް ވީ މީހުންގެ ތެރެއިން 3 މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ސެޕްޓެމްބަރު 3، 2021 ވީ ހުކުރު ދުވަހު ނިއުޒީލަންޑްގައި ސްރީލަންކާ މީހަކު ޓެރަރިސްޓް ހަމަލާ ދިން ސުޕަމާޓު ސަރަހައްދު / ފޮޓޯ: ގެޓީ އިމޭޖަޒް

ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ 2016 ވަނަ އަހަރުން ފެށިގެން ޝަމްސުއްދީނަށް ފާރަވެރިވަމުންނެވެ. އެއީ ޓެރަރިސްޓް ހަމަލާއަކަށް ހިތްވަރުދީފައި ވާ ޕޯސްޓަކަށް ހަމްދަރުދީ ފާޅު ކުރި ހިސާބުންނެވެ.

ޝަމްސުއްދީނާ ބެހޭ ހޯދުންތައް ހޯދަން ފެށިފަހުން، އޭނާއަކީ ގަވައިދާ ހިލާފަށް، ރެފިއުޖީ ސްޓޭޓަސް ހޯދައިގެން އުޅޭ މީހެއް ކަންވެސް ވަނީ ހާމަވެފައެވެ. ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ ހައްޔަރު ކުރީ ސޫރިޔާއަށް ފުރަން އުޅޭ ކަމުގެ ތުހުމަތުގައި، އެއާޕޯޓުންނެވެ. އަދި ފާއިތުވީ 2 އަހަރެއްހާ ދުވަސް ހޭދަ ކޮށްފައި ވަނީ ޑީޕޯޓޭޝަން ނޯޓިސްގައެވެ. ނަމަވެސް އެކަން ކުރެވެން އަންނަނީ މެއި 2021 ގައި އޭނާއާ ދެކޮޅަށް ފަށާފައި ވާ ޖިނާއީ ޝަރިޔަތް ނިމުނީމައި ކަން ބޮޑުވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.