އިންތިހާއަށް މަސްރަހު ނުތަނަވަސްވެފައި ވާ އަފްގާނިސްތާނުގައި އިގުތިސޯދީ ބޮޑެތި މަޝްރޫއުތައް ހިންގަން ފެށޭނީ ކޮންމެހެން ބޭނުންވާ ސަލާމަތްތެރިކަން ކަށަވަރު ވެގެން ކަމަށް، ތޯލިބާން ޖަމާއަތުގެ ސިޔާސީ އޮފީހުގެ އިސްވެރިޔާ މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ބުނެފިއެވެ.

ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވާ އަލްޖަޒީރީއަށް ދިން އިންޓަވިއުއެއްގައި ބަރާދަރު ބުނީ، ސަލާމަތްތެރިކަން ފޯރުކޮށްދެވޭ ނަމަ އެހެން މައްސަލަތައްވެސް ހައްލު ވެގެން ދާނެ ކަމަށާ، އެހާ ހިސާބުން، ހަގީގީ ކާމިޔާބީއާއި ކުރިއެރުން ހޯދުމުގެ ފުރޮޅު ހިނގައިގަންނާޏެ ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަމުން ބަރާދަރު ވަނީ، އަމާޒުތައް ހާސިލު ކުރުމަށްޓަކާ ނުކޮށް ދޫކޮށްލާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ބަރާދަރު ވަނީ ބުނެފައެވެ.

އަފްގާނިސްތާނުގައި ހަނގުރާމަ ކުރަމުން ދިޔަ އެމެރިކާ ސިފައިން އެ ގައުމު ދޫކޮށް ދިއުމާ ދިމާކޮށް، ތޯލިބާން ހަނގުރާމަވެރިން، މާ ބޮޑު ކުރިމަތިލުންތަކަކާ ނުލާ، އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގީ އޯގަސްޓް 15 ވަނަ ދުވަހުއެވެ. އޭރު އަފްގާނިސްތާނުގެ ވެރިއަކަށް ހުންނެވި އަޝްރަފު ޣަނީވެސް ވަނީ ހަމަ އެ ދުވަހު، ގައުމު ދޫކުރައްވާ ފުރާވަޑައިގެންފައެވެ.

އަފްގާނިސްތާނުގައި އާ ސަރުކާރެއް އެކުލަވާލުމަށް ތޯލިބާނުން މަސައްކަތް ކުރަމުން އަންނައިރު، އާ ސަރުކާރަކީ ހުރިހާ ފަރާތެއްގެ ޝާމިލުވުން އެކުލެވޭނެ ސަރުކާރަކަށް ވާނެ ކަމަށް ބަރާދަރު ވަނީ ވައުދުވެފައެވެ. ނަމަވެސް އަފްގާނިސްތާނުގެ ވަޒީރުންގެ މަޖިލީހުން އަންހެން މެންބަރުންނަށް އަދި ފުރުސަތެއް ނޯންނާނެ ކަމަށް ހަބަރު ލިބެއެވެ.

ތޯލިބާނުންގެ މަސްދަރުތަކަކާ ހަވާލާދީ ރޮއިޓާޒް އިން ރިޕޯޓް ކުރާ ގޮތުގައި، އަފްގާނިސްތާނުގެ އާ ސަރުކާރުގެ ވެރިއަކަށް ހުންނާނީ ބަރާދަރުއެވެ. އަދި އިސް ރޯލުތަކުން ފެނިގެންދާނެ ފަރާތްތަކުގެ ތެރޭގައި މަރާލާފައި ވާ ތޯލިބާނުންގެ ބާނީ މުއްލާ އުމަރުގެ ފިރިހެން ދަރިފުޅު، މުއްލާ މުޙައްމަދު ޔައުގޫބްއާއި، ޝޭރު މުހައްމަދު ސްޓަނިކްޒާއީ ހިމެނޭނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ލަފާކޮށްފައެވެ.

1996 ވަނަ އަހަރުން 2001 ވަނަ އަހަރުގެ ނިޔަލަށް ތޯލިބާނުން އަފްގާނިސްތާނުގައި ކުރި ވެރިކަމުގައި، ދިފާއީ ވަޒީރުގެ ނައިބު ކަމުގެ މަގާމުން ބަރާދާރު ވަނީ ފެނިފައެވެ.