ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ބީޗް ރިސޯޓްގެ ސަބްލީސް އެއްބަސްވުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ހުކުމް އިއްވި ގާޒީ އަލީ ނަސީރުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ ސޭވް ދަ ޑްރީމްގެ ފަރާތުން ރިހިވެލި ރިސޯޓްގެ ސަބްލީސް އެއްބަސްވުން ދަމަހައްޓައިދޭން ކުރި ދައުވާއާ ގުޅޭ މައްސަލާގައި މާހަލް ކުންފުނިން އެއްބަސްވުން ބާތިލް ކުރުމަށް ފޮނުވާފައިވާ ނޯޓިސްއަކީ ސައްހަ ނޯޓިހެއް ކަމަށެވެ. އެ ހުކުމް އިއްވީ އަންގާރަ ދުވަހު ހަވީރު 3:50 ހާއިރު އެވެ. އެ ހުކުމްގައި އިއްވިތަނާ, 4:15 ހާއިރު މާހަލް ކުންފުނީގެ ފަރާތުން ކަމަށް ބުނެ ބަޔަކު އެ ރިސޯޓަށް އެރިއެވެ. އެކަމާ ގުޅިގެން ރަށުގައި ހަމަނުޖެހުން ހިންގައި ފުލުހުން ވެސް އެރަށަށް ދާން ޖެހުނެވެ.
ސޭވް ދަ ޑްރީމް ކުންފުނީގެ ވަކީލުން ވިދާޅުވާ ގޮތުގައި, ލޯންޗެއްގައި މާލޭން ފުރައިގެން ރިހިވެލި ރިސޯޓަށް ދިޔުމަށް 45 މިނެޓް ހޭދަވާނެ އެވެ. ނަމަވެސް, ހުކުމް އިއްވިތާ 45 މިނެޓް ނުވަނީސް ބަޔަކު ރަށަށް އެރުމުން އެ ފަރާތަށް ހުކުމް ކުރިޔާލާ ލިބިފައިވާކަން އެނގޭ ކަމަށެވެ.
"ކުރަން އޮތް ހުކުމެއް ދައުވާ ލިބޭ ފަރާތަށް އެނގިފައި އޮތީ ގާޒީ އަލީ ނަސީރުގެ އިހުމާލުން ކަމުގައިވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދޭ ވާހަކަ ވާނީ ދަންނަވާފައި," ސޭވް ދަ ޑްރީމް ކުންފުނީގެ ވަކީލުން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވެއެވެ.
ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން އިސްތިއުނާފު ކުރުމުގެ މަސައްކަތް ސޭވް ދަ ޑްރީމްގެ ފަރާތުން އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ގަބޫލު ކުރާ ގޮތުގައި އެ އެއްބަސްވުމާ ގުޅޭ ގޮތުން ގޮތެއް ނިމި, ހުކުމް ތަންފީޒު ކުރެވެން ވާނީ ޝަރުއީ މަރުހަލާތައް ނިމުމުންނެވެ.
ރިސޯޓުގެ ވެރިފަރާތް ކަމުގައި ވާ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ސޭވް ދަ ޑްރީމް މޯލްޑިވްސްއާއެކު ފެބްރުއަރީ 15، 2018 ގައި އެއްބަސްވެފައި ވަނީ 2042 ވަނަ އަހަރާ ހަމައަށް ރިހިވެލި އައިލެންޑް ރިސޯޓް ކުއްޔަށް ދިނުމަށެވެ. ނަމަވެސް މި އެއްބަސްވުމާ ހިލާފަށް ސެޕްޓެމްބަރު 14، 2020 ގައި އެއްބަސްވުން ބާތިލު ކޮށް، މާހަލް ޓުއާސް އިން ވަނީ ޓާމިނޭޝަން ނޯޓިސް ފޮނުވާފައެވެ. މި މައްސަލައިގައި ސޭވް ދަ ޑްރީމް އިން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލަ މި ވަނީ މާހަލް ޓޫއާސްއާ އެއްކޮޅަށް ނިންމާފައެވެ.