ނިއުޒީލަންޑްގެ އޯކްލަންޑްގެ ސުޕަމާޓެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ 6 މީހުން ޒަހަމްކޮށްލި، "ހައްދު ފަހަނަ އަޅާފައި ވާ" މީހާގެ ގަޔަށް، ނިއުޒީލަންޑްގެ ފުލުހުން ބަޑި ޖަހާ، މަރާލައިފިއެވެ.

ނިއުޒީލަންޑްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޒަހަމް ވެގެން ހޮސްޕިޓަލަށް ގެންދެވުނު 6 މީހުންގެ ތެރެއިން 3 މީހެއްގެ ހާލު ކުރިޓިކަލްއެވެ. އަދި 1 ހާލު ސީރިއަސް ކަމަށާ، 2 މީހުންގެ ހާލު، އާދައިގެ ގޮތެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނިއުޒީލަންޑްގެ ސުޕަމާޓުގައި ތިބި ބަޔަކަށް ތޫނު އެއްޗަކުން ދިން ހަމަލާ ސިފަ ކުރައްވަމުން އެގައުމުގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވީ، މި ހަމަލާއަކީ، ކަމާ ބެހޭ ފަރާތްތަކުގެ ސާވޭލަންސް ރާޑަރުގައި ހުރި ސްރީލަންކާ މީހަކު ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

އެއީ ކާކު ކަން އަދި މީޑިއާއަށް ތިލަ ވެފައި ނުވި ނަމަވެސް، އެމީހަކީ އައިސިސް ޖަމާއަތުން ހިތްވަރު ލިބިގެން އުޅުނު މީހެއް ކަމަށް ހަބަރު ލިބެއެވެ.

އެޑާން ވިދާޅުވީ، ހަމަލާ ދިން ތާ 60 ސިކުންތުގެ ތެރޭގައި ނިއުޒީލަންޑްގެ ފުލުހުން އޭނާގެ ގަޔަށް ބަޑިޖަހާ، އެ މީހާ މަރާލާފައި ވާ ކަމަށެވެ.

މިއަދު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޑާން ވިދާޅުވީ، ހަމަލާ ދިން މީހާ ނިއުޒީލަންޑަށް އެތެރެވީ އޮކްޓޯބަރު 2011 ގައި ކަމަށާ، ނިއުޒީލަންޑްގެ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގައި އޭނާ ސަމާލު ކަމަށް އައިސްފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

އެމީހާގެ ފިކުރުގެ ސަބަބުން، ކަމާ ބެހޭ ފަރާތްތަކުން ދިޔައީ އޭނާއާ މެދު އިންތިހާއަށް ފާރަވެރި ވަމުން ކަމަށް މައުލޫމާތު ލިބެއެވެ. ކަން މިހެން އޮތް އިރު، 6 މީހަކު ޒަހަމް ކޮށްލުމުގެ ކުރިން އެމީހާ ނުހުއްޓުވުނީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ނިއުޒީލަންޑްގެ ޕޮލީސް ކޮމިޝަނަރު އެންޑްރޫ ކޯސްޓާ ވިދާޅުވީ، 24 ގަޑިއިރު ސާވޭލަންސްގައި ގެންގުޅޭ މީހެއްގެ ގާތުގައި ކަމާ ބެހޭ ފަރާތްތަކަށް ތާއަބަދުމެ ނުތިބެވޭނެ ކަމަށެވެ. ވީ އެންމެ އަވަހަކަށް، ކަމާ ބެހޭ ފަރާތްތަކުން ހަރަކާތްތެރިވެ، ހުރަސް އެޅި ކަމަށްވެސް ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވާފައެވެ.