ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރި ގެއެއްގެ ވެރި ފަރާތުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމަށް ދޫކޮށްފައި ހުރި ކަމަށް ބެލެވޭ މ. ބްރައިޓްފްލާވާ ނަމަކަށް ކިޔާ ގޭގައި އެކަން ހުއްޓުވުމަށް އެންގުމުން ވެސް އެކަން ހުއްޓުވާފައި ނުވާ ކަމަށެވެ.

އެހެންކަމުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ (ށ)ގެ ދަށުން އެގޭގެ ވެރިމީހާގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

މ. ބްރައިޓްފްލާވާ ހުސައިން ޔޫސުފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ ގޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާ ކަމަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެކަން ހުއްދަކޮށްފައި ވާތީއެވެ.

އެ މީހާގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ނަންބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ގެ 127 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޓްރެފިކް ކުރުމަށް ނުވަތަ ޕެޑެލް ކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަ ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ކުރަން ޕީޖީން ވަނީ ސެޕްޓެންބަރު 2، 2021 ދުވަހު ކްރިމިނަލް ކޯޓުށް ހުށައަޅާފައެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދައުވާކުރި ފުރަތަމަ ފަހަރެވެ.

ޕީޖީން ދައުވާ ކުރަން ފޮނުވި އިރު އެގޭގައި އެކަން ކުރާތީ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވިކަމެއް ސާފެއް ނުވެއެވެ.