ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހު 11 ވަނަ ދުވަހު ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މިއަހަރުގެ ތިންވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލް އާ ގުޅޭ ލިޔެކިޔުންތައް މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 11:59 ކުރިން ހުށަހަޅަންވާނެ ކަމަށެވެ.

އެ ޕްރޮޕޯސަލް އާ އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ހުށަހަޅާ ޕްރޮޕޯސަލްގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. މުޖުތަމައަަށް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކުގެ އިތުރުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ވެސް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތު ދެވިފައިވާ ކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.