ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިން ނުޖަހާ މީހުންނަށްވެސް ރެސްޓޯރަންޓްތަކަށް ވަދެވޭ ކަން އިކޮނަމިކް މިނިސްޓްރީން ނެރުނު އިއުލާނުން ހާމަވެއްޖެއެވެ.

އިކޮނަމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަންދޭން ވާނެ ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަ ނުކުރި ކަމުގައިވިޔަސް އެފަދަ ފަރާތްތަކަށް އެއްވެސް ހިދުމަތެއް ނުދިނުމަށް އިއުލާނުގައި އަންގާފައެއް ނުވެއެވެ.

އެ އިއުލާނުގައި މިނިސްޓްރީން އަޅަން އެންގި ފިޔަވަޅުތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނާޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމާއި އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީސީއާރު ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް އެންގުން ހިމެނެއެވެ.

އޭގެ އިތުރުން ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ހިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ހިދުމަތް ނުދިނުމަށް ވަނީ އަންގާފައެވެ. ކުރިން ނިންމާފައި އޮތީ ވެކްސިންގެ ދެޑޯޒް ނުޖަހާނަމަ ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން ހިދުމަތް ދީގެން ނުވާނެ ކަމަށެވެ.

އިކޮނަމިކް މިނިސްޓްރީ މި އެންގުން އަންގާފައި ވަނީ ކޮވިޑް-19 ވެކްސިން އޮގަސްޓް މަހުގެ ނިޔަލަށް ފުރިހަމަ ނުކުރާ މީހުންނަށް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގިނަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން ނިންމާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ރެސްޓޯރަންޓުތަކުން ހިދުމަތް ނުދިނުން ހިމެނެއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދުން މަނާކުރުން.
  • ސްކޫލްތަކަށް ވަނުން މަނާކުރުން.
  • ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދުން މަނާކުރުން.
  • އޮފީސްތަކަށް ގޮސް މަސައްކަތްކުރުން މަނާކުރުން.
  • ސެލޫންތަކަށް ވަދެ ހިދުމަތް ހޯދުން މަނާކުރުން.
  • ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނު ނިންމުމަށްފަހު ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހުން.

މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.