އަވަށްޓެރި ސްރީލަންކާގައި ކާބޯތަކެތީގެ އަގު އުފުލި، އިގުތިސޯދީ ކުއްލި ނުރައްކާ އިއުލާން ކޮށްފިއެވެ.

ސްރީލަންކާގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިފައި ވަނީ، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ލަންކާ ފައިސާގެ އަގު، ދަށަށް ދިއުމުގެ ސަބަބުންނެވެ.

އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ސްރީލަންކަން ރުޕީޒްގެ އަގު ވަނީ މިއަހަރު ތެރޭގައި އެކަނި ވެސް 7.5 ޕަސެންޓް ދަށަށް ގޮސްފައެވެ.

ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ، ހަނޑުލާއި ހަކުރު ފަދާ ޒަރޫރީ ކާބޯތަކެތީގެ ސަޕްލައިގެ ކޮންޓްރޯލް، އެ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށެވެ. އަދި ތަކެތީގެ އަގުތައް އުފުލިގެން ދިއުން ކޮންޓްރޯލް ކުރުމަށް، މުދާ ވިއްކޭނެ އަގުތައްވެސް ކަނޑައަޅާނެ ކަމަށެވެ.

ސްޓޮކް ކޮންޓްރޯލް ކުރުމުގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނެ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ، ލަންކާ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެކެވެ. އޭނާއަށް ދޫކޮށްފައި ވާ ބާރުތަކުގެ ތެރެގައި ވިޔަފާރިވެރިންނާއި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުގެ ހިފަހައްޓާފައި ވާ މުދަލުގެ ސްޓޮކް، އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުން ފަދަ ބާރުތައް ހިމެނެއެވެ.

ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ޒަރޫރީ ކަބޯތަކެތި ވިއްކަމުން ދާނީ އިމްޕޯޓް އަގަށް ބެލުމަށްފަހު، ސަރުކާރުން ކަށަވަރު ކުރާ ރޭޓްތަކެއްގައި ކަމަށެވެ.

ސްރީލަންކާގެ ބާޒާރުތަކުގައި ހަކުރު، ފިޔާ އަދި އަލުވި ފަދަ ކާބޯތަކެތީގެ އަގުތައް އުފުލިފައި ވާ މި ދަނޑިވަޅަކީ، ހިކި ކިރާއި، ކެރޮސީން އަދި ކައްކާ ގޭހުގެ ސަޕްލައި ދަށްވެ، ގިނަ ބަޔަކު ފިހާރަތައް ކައިރީގައި ސަފު ހަދަމުން އަންނަ ދަނޑިވަޅެއްވެސްމެއެވެ.

ސްރީލަންކާގެ ބާޒާރުގައި މަހުން މަހަށް ތަކެތީގެ އަގު އުފުލުނު ގޮތަށް ބަލާއިރު، އޯގަސްޓް މަހުގެ އިންފްލޭޝަން ވަނީ 6 ޕަސެންޓަށް އިތުރުވެފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައި ވާ ސްރީލަންކާއަކީ ކާބޯތަކެއްޗާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރާ ގައުމެކެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ފާއިތުވީ އަހަރެއްހާ ދުވަހު ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، އެ ގައުމުގެ އިގުތިސޯދު ވަނީ 3.6 ޕަސެންޓަށް ދަށަށްވެސް ގޮސްފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވެ، ސްރީލަންކާގައި އިއުލާން ކުރި ލޮކްޑައުންގެ ކާފިއު، މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ދަންމާލާފައެވެ.