މި އަހަރުގެ އޭޕްރިލްއާއި ޖޫން މަހާ ދެމެދު ފާއިތުވީ ކުއާޓަރުގައި އިންޑިއާގެ އިގުތިސޯދީ ދުވެއްޔަށް، 20.1 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައި ވާ ކަމަށް ރެކޯޑް ތަކުން ދައްކައިފިއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތޫފާނީ 2 ވަނަ ރާޅުގަނޑާ އިންޑިއާއަށް ކުރިމަތިލާން ޖެހިފައި އޮތް ދުވަސްވަރުގައިވެސް އެ ގައުމުގެ އިގުތިސޯދީ ކުރިއެރުމުގެ ނިސްބަތް އިތުރު ވެފައި ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި މާ ބޮޑު އިގުތުސީދޯ ކުރިއެރުންތަކެއް ހޯދިފައި ނެތުމުން، އަޅާ ކިއަން އޮތް ތަފާސް ހިސާބުގެ އަދަދުތައް ދަށް ވުމުގެ ސަބަބުންނެވެ.
ނަމަވެސް، ކޮވިޑްގެ ކުރިން އިންޑިއާގެ އިގުތިސޯދު އޮތް ހާލަތަށް އަދިވެސް ރުޖޫއައެއް ނުވެއެވެ.
އިންޑިއާގެ ނޭޝާނަލް ސްޓެޓިސްޓިކަލް އޮފިސް (އެންއެސްއޯ) އިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ވަނީ، އޭޕްރިލް-ޖޫން ކުއާޓަރުގައި، 24.4 ޕަސެންޓް ދަށްވެފައެވެ.
އެންއެސްއޯއިން ވަނީ ތަފާސް ހިސާބުތައް ވަޒަން ކުރުމުގައި، ކޮވިޑް ކޮންޓްރޯލް ކުރަން ތަންފީޒު ކުރި ފިޔަވަޅުތަކަށް ރިއާޔަތް ކޮށްފައި ވާނެ ކަމަށް ބުނެފައެވެ.
މި އަހަރުގެ އޭޕްރިލް-ޖޫން ކުއާޓަރުގައި، ޗައިނާގެ އިގުތިސޯދު ކުރިއަރާފައި ވަނީ 7.9 ޕަސެންޓަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ދަނޑިވަޅަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އިގުތިސޯދުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާގެ އިގުތިސޯދީ، ގިނަ ހަރަކާތްތަކެއް މަޑުޖެހިފައި ވާ ދަނޑިވަޅެކެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރަން ޗައިނާއިން ތަންފީ ކުރަން ފެށި ފިޔަވަޅުތަކަށް ފުރިހަމަ ދުލެއް ނުދީ އުޅެނުކޮށް، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ފެންނަން ފެށުމާއެކު، ޗައިނާއިން އަނެއްކާވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.