ފެތުރެމުންދާ (C.1.2) ވޭރިއެންޓަކީ ވެކްސިނަށް ނުގުޑާވަރުގެ ވޭރިއަންޓެއް ނޫން ކަމަށް އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޑރ.ފައިސަލް ވިދާޅުވީ އެ ވޭރިއަންޓަކީ މިދިޔަ މޭ މަހުން ފެށިގެން ފެތުރެމުން އަންނަ ވޭރިއެންޓެއް ކަމަށާއި އެ ވޭރިއަންޓަކީ ވެކްސިނަށް ނުގުޑާވަރުގެ ވޭރިއެންޓެއް ނޫން ކަމަށެވެ.
ޑރ.ފައިސަލް މިދަފައިން ވިދާޅުވީ ވެކްސިނަށް ނުގުޑާވަރުގެ އާ ވޭރިއެންޓަށް ހަލުއި ކަމާއިއެކު ފެތުރެމުންދާ ކަމުގެ އަޑުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮވިޑްގެ އެހެން ވޭރިއަންޓުތަކާއި އަޅާބަލާ މި ވޭރިއަންޓުގެ އަލާމާތްތައްވެސް އެއްގޮތް ކަން ޑރ.ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ފައިސަލް އިތުރަށް ވިދާޅުވީ މި ވޭރިއަންޓް ރާއްޖެއިން އަދި ފެނިފާނުވާ ކަމަށާއި އެހެންނަމަވެސް ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރަމުން ދާތީއާއިއެކު މި ވޭރިއަންޓް ރާއްޖެއިން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ.
ކޮވިޑު 19 ގެ ވައިރަސް އުޅޭތާ ގިނަދުވަސްވާ ވަރަކަށް އާ ވޭރިއެންޓްތައް އުފެދެމުންދާނެ ކަމަށް ވިދާޅުވަމުން ޑރ.ފައިސަލް ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ ލަފަޔާއި އެއްގޮތަށް އަމަލުކުރަން އިލްތިމާސްކޮށްފައެވެ.
މި ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އަދި މިހާރު ޗައިނާ، ނިއުޒިލޭން އަދި ސުވިޒަލޭންޑް ފަދަ ގައުމުތަކުގައި ވެސް މި ވޭރިއެންޓް ވަނީ ފެތުރެން ފަށާފައެވެ.