އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ތައްޔާރީތަކުގެ ތެރެއިން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.
އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިހާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވަން ފައްޓަވާފައި ވަނީ އިއްޔެއެވެ.
އެގޮތުން އިޓަލީން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީ އާއި ސްލޮވީނިއާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯ އާއި އެމެރިކާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޮމަސް-ގްރީންފިލްޑް އާއި އަޔަލެންޑުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލްޑީން ނޭސަން އާއި އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖް އާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި އެ ގައުމުތަކުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޝާހިދަށް ވަނީ ދެއްވާފައެވެ.
އދގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވި އެ ކައުންސިލްގެ މިމަހުގެ ރިޔާސަތު ބެލެހެއްޓި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އާ ވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.