މި ފޮޓޯއަކީ އެމެރިކާގެ އިތުރުން އަފްގާނިސްތާނުގެ ތާރީހަށް ވެސް މުހިންމު ފޮޓޯއަކަށްވާނެއެވެ.

ފޮޓޯއިން މިފެންނަނީ އެމެރިކާގެ 82 އެޔާބޯޑް ޑިވިޝަންގެ ކޮމާންޑަރު މޭޖާ ޖެނެރަލް ކްރިސް ޑޮނަހިއުއެވެ. އޭނާއަކީ މީގެ ވިއްސަކަށް އަހަރު ކުރިން އެމެރިކާއިން އަފްގާނިސްތާނަށް އަރާ ފެށި ހަނގުރާ ނިންމާލާ އަފްގާނިސްތާނުން ފޭބި އެމެރިކާ ސިފައިންގެ އެންމެ ފަހު މީހާއެވެ.

މޭޖާ ޖެނެރަލް ޑޮނަހިއުގެ ފޮޓޯ ހިއްސާކުރަމުން އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ އެމެރިކާއިން އަގާނިސްތާނުގައި ހިންގަމުން އަންނަ އަސްކަރީ އޮޕަރޭޝަން ރަސްމީކޮށް ނިންމާލިކަން އިއުލާނުކޮށްފައެވެ.

މިއާއެކު އެމެރިކާގެ ތާރީހުގައި ވެސް އެގައުމުން ކުރި އެންމެ ދިގު ހަނގުރާމަ ނިމުމަކަށް އައިއެވެ.

އަފްގާނިސްތާނުގެ ކާބުލްގައި ހުންނަ ވައިގެ ބަނދަރުން ފުރުމުގެ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެސަރަހައްދުގައި އެމެރިކާ ސިފައިން ބޭނުންކުރި ގިނަ އަސްކަރީ އުޅަނދުތައް ހަލާކުކޮށް ހަދާފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އަފްގާނިސްތާނުގައި ކުރި ހަނގުރާމައިގެ ތެރެއިން / ފޮޓޯ: ދަ ނިއު ރިޕަބްލިކް

އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ މީގެ ތެރޭގައި 73 މަތިންދާބޯޓެއް ހިމެނޭ ކަމަށާއި މިއުޅަނދުތައް ދެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާނެ ކަމަށެވެ. މީގެ އިތުރުން، 70 އަސްކަރީ އެއްގަމު އުޅަނދެއް ވެސް އެސަރަހައްދަށް ދޫކޮށްފައި ދިޔަ އިރު އޭނގެން ކޮންމެ އުޅަނދެއްގެ އަގު 1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެގައުމުގެ ސިފައިން ދޫކޮށްފައި އައި ހުރިހާ އުޅަނދަކާ އިތުރު ސާމަނު މުޅިން ހަލާކުކޮށްލާފައިވާ ކަމުގެ ޔަގީންކަން ދީފައެވެ.