އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފިއެވެ.

އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މެންބަރުން އިންތިހާބުކުރީ ރޭ ބޭއްވި ޖަލްސާގައިއެވެ. އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް 18 މެންބަރުން ވާދަކުރެއްވިއެވެ. އެ މަޖިލީހުގައި ތިބެނީ 9 މެންބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް 9 މެމްބަރަކު ވަނީ ވާދަ ކުރައްވާފައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ކެނޑިޑޭޓުން:

  • އަނަސް އަބްދުއްސައްތާރު - (77 ވޯޓު)
  • އަހުމަދު ރިޝްވާން (71 ވޯޓު)
  • އިބްރާހިމް މުހައްމަދު ދީދީ (67 ވޯޓު)
  • އަހުމަދު މައުރޫފް (67 ވޯޓު)
  • ފާތިމަތު އިނާޝާ (66 ވޯޓު)
  • ހުސައިން ރަޝީދު (66 ވޯޓު)
  • އާދަމް މާހިރު (65 ވޯޓު)
  • އަހުމަދު ނިޝާދު (64 ވޯޓު)
  • ނައުޝާދު އަބްދުލް އަޒީޒް (63 ވޯޓު)

އިންތިހާބުގައި ޖުމްލަ 1036 ވޯޓު ލާފައިވާއިރު 120 މެންބަރުން ވޯޓު ލާފައިވެއެވެ. އޭގެ ތެރޭގައި 4 ވޯޓު ބާތިލެވެ. އަދި އަށް މީހަކު ވޯޓު ނުލައެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެއްވެސް ކަމަކާ މެދު މެންބަރަކު ޝަކުވާއެއް އޮވެގެން އިސްތިއުނާފަށް ހުށަހަޅައިފިނަމަ އެކަމެއް ބަލައި ނިންމުމެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ހޮވާ އެ މަޖިލިސް އެކުލެވިގެންވާނީ ރައީސް އާ 8 މެންބަރުންގެ މައްޗަށެވެ.