އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލަން އުޅުނު މީހަކަށް އަމާޒުކޮށް ކަމަށް ބުނެ އަފްގާނިސްތާނުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި، 6 ކުޑަކުއްޖަކުވެސް ހިމެނޭހެން އެއް އާއިލާއެއްގެ 10 މެންބަރުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް، އެ އާއިލާގައި ބާކީ ތިބި މެންބަރުން ބުނެފިއެވެ.

އެ އާއިލާގެ 10 މެންބަރުން މަރުވީ، އެ ގޭގައި ޕާކުކޮށްފައި އޮތް ކާރަށް ހަމަލާ އަމާޒުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، ހަމަލާ އަމާޒު ކޮށްފައި ވަނީ، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ގޮތްޕަށް ނިސްބަތް ވާ މީހަކު އުފުލަމުން ދިޔަ އުޅަނދަކަށް ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބި އިތުރު ބަޔަކަށް، ހަމަލާގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އިޝާރާތް ކޮށްފައެވެ.

ހަމަލާގައި މަރުވި ބައެއް މީހުންނަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް މަސައްކަތް ކޮށްދީފައި ވާ، އަދި އެމެރިކާއަށް އެތެރެވުމުގެ ވިސާވެސް އޮތް މީހުން ކަމަށް ހަބަރު ލިބެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ، ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާ، ނަމަވެސް 10 މީހުން މަރުވާން ޖެހުނު ގޮތެއް އަދި ސާފު ނުވާ ކަމަށެވެ.

އެމެރިކާގެ ޑްރޯން ހަމަލާ އަމާޒުވީ ޕާކުކޮށްފައި އޮތް ކާރަކަށް ކަމަށް އާއިލާއިން ބުނޭ / ފޮޓޯ: ބީބީސީ

ސެންޓްރަލް ކޮމާންޑްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ ޑްރޯން ހަމަލާއާ ގުޅިގެން ބާރުގަދަ ގޮވުންތަކެއްވެސް ގޮވާފައި ވާ ކަމަށެވެ. ގިނަ އަދަދެއްގެ ގޮވާތަކެތި ހުރުމުގެ ސަބަބުން، އިތުރު ބަޔަކު މަރުވީ ކަމަށްވެސް ސެންޓްރަލް ކޮމާންޑުން ވަނީ އިޝާރާތް ކޮށްފައެވެ.

ކާބުލް އެއާޕޯޓަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާ ދީ، 100 އަށް ވުރެގިނަ އާންމުންނާއި އެމެރިކާ އަސްކަރިއްޔާގެ 13 މެންބަރަކު މަރާލި ފަހުން، އަފްގާނިސްތާނުގެ މަސްރަހުގައި އެމެރިކާއިން ހަރަކާތްތެރި ވަނީ މަތީ ފެންވަރުގެ އެލާޓް ލެވަލްއެއްގައެވެ.