މީގެ 12 އަހަރު ކުރިން ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައެއްގައި ދައުވާ ލިބުނު މީހަކު 1 މަހާއި 6 ދުވަހަށް ޖަލަށް ލާން މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޮކްޓޯބަރު 12، 2009 ގައި ގާބުރިއަކުން ޖަހައި، ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ފޭންލައިޓް ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި އެ ރަށު ތިބުރޯޒުގެ މުހައްމަދު ސަމާހް، 31 ގެ މައްޗަށް ދައުލަތުން ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާކުރީ، ކުށް ކުރިތާ ނުވަ އަހަރު ފަހުން ޖެނުއަރީ، 2018 ގައެވެ.

އެ މައްސަލައިގައި އިބްތިދާއީ މަރުހަލާގައި ސަމާހު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންވެ އޭނާގެ މައްސަލަ ނިންމީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އެ ކުށަށް ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކަނޑައަޅާފައިވާ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދު ކުރުން، ނުވަތަ 150 ރުފިޔާއަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ނަމަވެސް، އޭނާގެ މައްޗަށް ލުއި އަދަބެއް އައީ ދައުވާކުރި އިރު އަމަލުކުރަމުން ދިޔަ ގާނޫނުލްއުގޫބާތުގައި އޮތް އަދަބަށް ވުރެ މިހާރު އޮތް އަދަބު ލުއިވާތީ، ލުއި އަދަބެއް ކަނޑައަޅަން ދައުލަތުންނާއި އޭނާ ވެސް އެދިފައި ވާތީއެވެ.

އޭނާ ދައުވާއަށް އިއުތިރާފުވުމުން އަދަބު އެއް ދަރަޖަ ލުއިވި ނަމަވެސް، އޭނާ ގެއްލުން ދިނީ ދައުލަތުގެ މުދަލަކަށް ކަމުން ކުށުގެ ދަރަޖަ އެއް ދަރަޖައަށް މަތިވެ އިއުތިރާފުވުމުން ލިބޭ ލުއި ގެއްލުނީއެވެ. އެހެންވެ، މި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް މި މަހުގެ 23 ވަނަ ދުވަހު ހުކުމް ކުރެއްވީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.