ހއ. ދައްޕަރު އެ ރަށާ އެއްކޮށް އޮންނަ ހއ. ފިއްލަދޫގެ އިހުތިސާސުން ވަކިކޮށްފިއެވެ.
ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުންނެވެ. މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ ގަރާރުގައި ބުނެފައިވަނީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ބާރަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ ސަރުކާރުގެ ގެޒެޓުން އެލިޔުން ފެނިވަޑައިގެންފައި ވާ ކަމަށާއި އެހެންނަމަވެސް ކައުންސިލަށް، ދައްޕަރު ފިއްލަދޫގެ އިހުތިސާސުން ވަކިކުރި ކަން މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.
އިތުރަށް ފަތުހުﷲ ވިދާޅުވީ ދައްޕަރު ޕިއްލަދޫގެ އިހުތިސާސުން ވަކިކުރީ އެތާ ކޮން ޕްރޮޖެކްޓެއް ހިންގަން ކަމެއް ވެސް އަދި ސާފުވެފައި ނުވާ ކަމަށެވެ.
ދައްޕަރު އިންޑިޔާ މީހުންނަށް ސެކަންޑް ހޯމް އަޅަން ދޭން އުޅޭ ކަމުގެ އަޑު މީގެ ކުރިން ވަނީ ގަދަވެފައެވެ. އެހެންނަމަވެސް އެކަމަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އޮތީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައްޕަރުގައި ވިލާއާއި ވޯޓާ ބަންގަލޯ އެޅުމަށް ފަހު ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްލާވާހަކަވެސް ދަނީ ދެކެވެމުންނެވެ.
ދައްޕަރު، ފިއްލަދޫން ވަކިކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި "ސޭވް ދައްޕަރު" ގެ ނަމުގައި މިހާރު ވަނީ އެކަމާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
މިކަމާ ގުޅިގެން ފަތުހުﷲ ވިދާޅުވީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިނގި ކަމުގައިވީ ނަމަވެސް ރަށު ތެރޭގައި އެ ކަހަލަ ނުރުހުމެއް އެއްވެސް ބަޔަކު އަދި ހިންގައިފާ ނުވާ ކަމަށެވެ.
މީގެ އިތުރުން ރ. ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިހުތިސާސަށް ވެސް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބަދަލުގެންނަވާފައެވެ.
އެގޮތުން ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ އެ އަތޮޅު ގާއުނޑޫދޫ ހުޅުދުއްފާރުގެ އިހުތިސާސުން މިހާރު ވަނީ ވަކިކޮށްފައެވެ.
ކުރީގެ ގަރާރަށް ބަދަލު ގެނެސް ރައީސް ސޯލިހް ސޮއިކުރައްވާ އާ ގަރާރު ނެރުއްވާފައި ވަނީ އިއްޔެއެވެ.
ޤާނޫނު އޮންނަ ގޮތުން ފަހުން ތޮގޮތަށް ހަމަ ހިތަށް އަރާއިރަށް ބަދަލެއްް ނުގެނެވޭނެ..