ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ ރަހީނުކޮށްގެން ކަމަށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ދައްކަވާފައިވާ ކަމަށް ބުނާ ވާހަކައިގެ އޯޑިއޯއެއް ލީކުވުމާ ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅަން ޕީޕީއެމުން ނިންމައިފިއެވެ.

ޕީޕީއެމްއިން ބުނީ ރައީސް ޔާމިންގެ ލޯޔަރުންގެ ޓީމުގެ ފަރާތުން، ލީކުވެގެން އުޅޭ އޯޑިއޯ މައްސަލަ ފުލުހުނަށް ހުށަހެޅުމަށް މިއަދު 03:30 ގައި ފުލުހުންގެ އިދާރާއަށް ދާނެ ކަމަށެވެ.

އާންމުވެފައިވާ އޯޑިއޯގައި ގާޒީ ފާއިޒު ކަމަށް ބުނާ މީހާ ބުނެފައި ވަނީ، ހުކުމް ކުރި ތިންވަނަ ގޮތެއްވެސް އޮވެދާނެ ކަމަށާ، އެ ތިންވަނަ ގޮތަކީ ރަހީނުކުރުން ކަމަށެވެ.

އަދި ރަހީނުކުރުމުގެ ތަފާތު ގޮތްތައް ހުންނަ ކަން ފާހަގަކުރައްވާ ގާޒީ ފާއިޒު ކަމަށް ބުނާ މީހާ ބުނެފައި ވަނީ، ހަމައެކަނި ރަހީނު ކުރެވޭނީ އޭނާ ރަހީނުކޮށްގެން ނޫން ކަމަށާއި އަނބިމީހާ ރަހީނުކޮށްގެން ވެސް ރަހީނު ކުރެވިދާނެ ކަމަށެވެ.

އޭގެ އިތުރުން ނުހައްގުން ކުރި ހުކުމެއްގައި ރައީސް ޔާމީން ޖަލުގައި އޮންނަވައިފިނަމަ އެމަނިކުފާނުގެ ތާއީދު ދާނީ އިތުރުވަމުން ކަމަށާއި ރައީސް ޔާމީނަށް ހުރިހާ ކަމެއް އެނގިވަޑައިގަންނަވާނެ ކަމަށް ފާއިޒު ވިދާޅުވެއެވެ.

ފާއިޒު ވިދާޅުވީ އެ ނިންމުމުން ކުރާ ފައިދާ 2023 ވަނަ އަހަރުގައި ފެންނާނެ ކަމަށެވެ.