އިންތިހާއަށް މަސްރަހު ނުތަނަވަސްވެފައި ވާ އަފްގާނިސްތާނުގެ ކާބުލް އެއާޕޯޓަށް އަނެއްކާވެސް ހަމަލާއެއް އަމާޒުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެފައި ވާ ކަމަށާ، މިއަދުގެ ވަގުތެއްގައިވެސް އެ ހަމަލާ އަމާޒު ވެދާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ކާބުލް އެއާޕޯޓަށް އަމާޒުކޮށް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ސައްހަ މައުލޫމާތު ލިބިފައި ވާ ކަމަށް ބުނެ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްއިން ވަނީ، ކާބުލް އެއާޕޯޓް ސަރަހައްދުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އެ ސަރަހައްދު ދޫކޮށްދިއުމަށް ގޮވާލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ކާބުލް އެއާޕޯޓް ސަރަހައްދުގައި ބޮމުގެ ހަމަލާއެއް ދީފައިވެއެވެ. ބުރާސްފަތި ދުވަހުގެ ހަމަލާގައި 170 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސްގެ ގޮތްޕަކުން ހަމަލާގެ ޒިންމާ އުފުލާފައި ވާ އިރު، ރައްދުގައި އެމެރިކާއިންވެސް އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދުގައި ޑްރޯން ހަމަލާއެއް ދީފައެވެ. އެމެރިކާގެ ޑްރޯން ހަމަލާގައި، އަފްގާނިސްތާން އައިސިސް ގޮފީގެ އިސް 2 މެންބަރަކު މަރާލާފައި ވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އެއީ ހަމަލާ ރޭވި މީހާއާއި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން މީހުން ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް މިހާރު ނަގާފައި ވާ ތޯލިބާން ޖަމާއަތުން ވަނީ އެމެރިކާގެ އަމަލުތަކަށް ފާޑުކިއާފައެވެ. އަދި އެމެރިކާ ޑްރޯން ހަމަލާ ކުށްވެރި ކޮށްފައެވެ. ރޮއިޓާޒްއާ ވާހަކަދެއްކި ތޯލިބާން ތަރުޖަމާނަކު ވަނީ، އެމެރިކާއިން އެންމެ ފުރަތަމަވެސް ތޯލިބާން ޖަމާއަތާ މަޝްވަރާ ކުރި ނަމަ، މާ ރަނގަޅުވީސް ކަމަށް ބުނެފައެވެ.

އެމެރިކާއިން އަދިވެސް ދަނީ އަފްގާނިސްތާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ގައުމުން ބޭލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އިނގިރޭސިވިލާތުން މިހާރު ވަނީ އެ ގައުމުގެ އަސްކަރީ ފައުޖުތަކާ، ޑިޕްލޮމެޓުންގެ އިތުރުން އޮފިޝަލުންވެސް އަފްގާނިސްތާނުން ބާލާ ނިންމާފައެވެ.

އެމެރިކާއިން އަފްގާނިސްތާނުން ފައިބަން ކަނޑައެޅި ސުންގަޑި، އޯގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.