އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، މިރޭ 7:30 ހާއިރު އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ގްރޫޕެއް ހަދައިގެން ދިޔަ ބަޔަކު ވަދެ އެ ފިހާރައިގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވި މީހާ މިހާރު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ އިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ފިހާރައަށް ވަދެ ހަމަލާ ދިން މީހުން ތިބީ މާސްކް އަޅާ މޫނު ނިވާކޮށްގެންނެވެ.