އދ. އޮމަދޫގައި މަސް ފެންގަނޑަކަށް ވެއްޓި ތުއްތު ކުއްޖަކު މަރުވެއްޖެއެވެ. މަރުވެފައި ވަނީ 11 މަހުގެ ފިރިހެން ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ރިޒާ ވިދާލުވީ، މިއަދު މަސް ފެންގަނޑަކަށް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ މަސް ދިރުވާ އާލާ ކުރަން ހަދާފައިވާ ފެންގަނޑެއްގެ ތެރެއަށް 11 މަހުގެ ފިރިހެން ކުއްޖެއް ވެއްޓިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުއްޖާ ފެނުނީ އެ ފެންގަނޑު ތެރެއަށް ވެއްޓިފައި އޮއްވާ ކަމަށާއި އޭރުވެސް އެ ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ރިޒާ ވިދާޅުވީ އެ ކުއްޖާ މަރުވެފައި ވަނީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މިހާރު ކުރިއަށް ދަނީ އެ ކުއްޖާ ވަޅުލުމުގެ ކަންކަން ކަމަށް ރިޒާ ވިދާޅުވިއެވެ.

އޮމަދޫން މި ކުއްޖާ ވެއްޓުނު މަސް ފެންގަނޑަކީ އެ ގޭ ގޯތި ތެރޭ ބިންމަތީގައި ސިމެންތިން ހަދާފައިވާ މަސް ފެންގަނޑެއް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން ވެސް މަސް ފެންގަނޑުތަކަށް ކުދިން ވެއްޓިގެން އަނިޔާވެފައި އެބަ ހުއްޓެވެ. އެ ގޮތުން މި ދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި ލ. ގަމުގައި ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި އަނިޔާވެފައިވާ އިރު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ގަމުގައި ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ވަނީ ހޭނެތިފައެވެ.