ފަޅޯ އަޅާ ބަރާވެފައި ހުރި 115 ގަސް ފަޅޯ ކަނޑާ ވައްޓާލައިފިއެވެ. ކ. ކާށިދޫ ދަނޑުވެރިއެއްގެ 115 ފަޅޯގަހެއް ކަނޑާ ވައްޓާލިއުރު 10 ޓަނުގެ ފަޅޯ އެގަސްތަކުގައި ހުއްޓެވެ.
ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވަނީ މިހާދިސާ ހިނގާފައިވާކަން "ދަ ޕްރެސް" ކަށަވަރު ކޮށްދެއްވާފައެވެ.
އާމިރު ވިދާޅުވީ ކިތަންމެ ވަރަކަށް ތަނެއް ތަރައްގީ ކުރިއަސް އެތަނެއްގައި އުޅޭ ބައެއްގެ ވިސްނުން ތަރައްގީ ނުވާހާ ހިނދެއްގައި އެތަނަކަށް ކުރިއެރުން ނާންނާނެ ކަމަށެވެ. ވިސްނުން ތަރައްގީވެފައި ވާނަމަ އެ ފަދަ ހަމަލާއެއް ދޭން ނުކެރޭނެކަން އާމިރު ވަނީ ފާހަގަ ކުރައްވާފައެވެ.
އެ މީހާ ފަޅޯތަކާއި ފަޅޯދަނޑުގެ ވީޑިއޯ އާންމު ކުރަމުން އިތުރަށް ބުނީ 118 ގަހުގެ ތެރެއިން ކަނޑާނުލައި ހުރީ އެންމެ 3 ގަސް ކަމަށެވެ.
މިކަމާ ގުޅިގެން ނަން ނުޖަހަން ޝަރުތުކޮށް ދަނޑުގެ ވެރިފަރާތް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ފޮޓޯތަކުން ފެންނަނީ ހުރިހާ ފަޅޯ ނޫން ކަމަށާއި ފޮޓޯ އިން ފެންނަ ވަރާ ގާތަށް ވިއްކަން ކަމުދާ ވަރުގެ ފަޅޯ މާލެ ފޮނުވާފައިވާ ކަމަށެވެ.
ލަފާކުރެވޭ ގޮތުން މި ދަނޑަށް ގެއްލުން ދީފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ އިރުއޮއްސުމާއި އެ ރޭ ގާތްގަނޑަކަށް 8 ޖެހުމާ ދޭތެޜެ ކަމަށް ދަނޑުގެވެރި ފަރާތް ވަނީ ބުނެފައެވެ. ތަފާތު އެކި ބާވަތްތައް ހެއްދުމަށް އެކި ދަނޑު ގެންގުޅޭ އެ ދަނޑުވެރިޔާ ދަނޑުވެރިކަން ކުރުމަށްޓަކައި މުސާރަދީގެން ބިދޭސީ އެއްވެސް ގެންގުޅެއެވެ.
މި ފަޅޯ ގަސްތަކަކީ އަލަށް ފޯދުނު ގަސްތަކެއް ކަމަށާއި މި ގަސްތައް ހެއްދުމަށް ގާތްގަނޑަކަށް 8 މަސް ދުވަސް ހޭދަވެފައިވާ ކަމަށް ވެރިފަރާތް ވަނީ ފާހަގަ ކޮށްފައެވެ.
އިތުރަށް ދަނޑުވެރިޔާ ބުނީ މިކަން ކޮށްފައިވަނީ ކޮން ބައެއް ކަން އެނގިފާ ނުވާ ކަމަށާއި މިކަން ކުރީ ކީއްވެ ކަމެއްވެސް އަދި ނޭނގޭ ކަމަށެވެ. އަދި ކުރިއާލާ އިންޒާރެއް ދީގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ދަނޑުގެވެރި މީހާ ބުނީ މި މައްސަލަ ފުލުހަށް ހުށައަޅާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
وَلَا تَحۡسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعۡمَلُ ٱلظَّٰلِمُونَۚ إِنَّمَا يُؤَخِّرُهُمۡ لِيَوۡمٖ تَشۡخَصُ فِيهِ ٱلۡأَبۡصَٰرُ އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافل ވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ. -Surah Ibrahim, Ayah 42