ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާއާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑު ވަޒީރާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހެޔޮ އެދުންތައް ބޮޑުވަޒީރު ސޫގާ އަށާއި، ޖަޕާން ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ޖަޕާނުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށްޓަކައި އަދި ހާއްސަކޮށް ކޮވިޑްގެ މި ދަތި ދަނޑިވަޅުގައި އެ ގައުމުން ވެދޭ އެހީތެރިކަމަށް ޓަކައި ޝާހިދު ވަނީ ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ބޮޑުވަޒީރު ސޫގާ އަށް، އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު ހުންނަވާއިރު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ ގޮތުންނާއި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު" ގައި ހިމެނޭ ކަންކަމާ ބެހޭ މައުލޫމާތު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް ވެސް ބައިވެރިވެވަޑައިގެންފައި ވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޝާހިދު ޖަޕާންގެ ފޮރިން މިނިސްޓަރު ޓޮޝިމިޓްސޫ މޮޓެޖީ އާ ވެސް މިއަދު ބައްދަލުކުރެއްވިއެވެ.

ޝާހިދު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރަކީ ޖަޕާން ސަރުކާރުގެ ދައުވަތަކަށް އޮގަސްޓް 26 އިން 28 އަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ.