ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކާބުލްއަށް ހަމަލާ ދިން ފަރާތްތައް ހޯދާ، އެކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުގެ ކިބައިން ބަދަލު ހިއްޕަވާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ވައިޓްހައުސްގައި ހުންނަވާ، ވާހަކަފުޅުދައްކަވަމުން ބައިޑަން ވަނީ، ބުރާސްފަތި ދުވަހުގެ ބޮމުގެ ހަމަލާތަކަކީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ގޮފި ކަމުގައި ޗާ އިސްލާމިކް ސްޓޭޓް އިން ހުރާސާން ޕްރޮވިންސް (އައިސިސް-ކޭ) އިން ކަން ކަށަވަރު ކޮށްދެއްވާފައެވެ.

އައިސިސް އިން ވަނީ، ކާބުލް އެއާޕޯޓަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ބަޔަކު އަމިއްލައަށް މަރުވެގެން މި ހަމަލާ ދީފައި ވަނީ ކާބުލް އެއާޕޯޓްގެ ބޭރުގައި، އެ ގައުމު ދޫކޮށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރޭގައެވެ.

މި ހަމަލާތަކުގައި ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި އަފްގާނިސްތާނުގެ މަދަނީ އާންމުންގެ 60 މީހަކާއި އެމެރިކާ އަސްކަރިއްޔާގެ 13 މެންބަރަކު ހިމެނޭ ކަމަށް ފަހުގެ ރެކޯޑްތަކުން ދައްކައެވެ. މިއީ އޯގަސްޓް 2011 ގައި ހެލިކޮޕްޓަރެއް ވައްޓާލިފަހުން، އެއް ހާދިސާއެއްގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގެ ސިފައިން، އަފްގާނިސްތާނުގައި މަރުވެދިޔަ ހާދިސާ ކަމަށް ގަބޫލު ކުރެވެއެވެ.

ހަމަލާ ދިން ފަރާތްތަކަށް އިންޒާރު ކުރައްވަމުން ބައިޑަން ވިދާޅުވީ، މި ހަމަލާ ދިން ފަރާތްތަކާއި، އެމެރިކާއަށް ގެއްލުން ދޭން ހިތަށް އަރުވައިފި މީހަކަށްވެސް މައާފެއް ނެތް ކަމަށާ، އެކަމަކީ އެމެރިކާއިން ހަނދާން ނައްތާލާނެވެސް ކަމެއް ނޫން ކަމަށެވެ.

އަފްގާނިސްތާނުން މީހުން ބޭލުމުގެ މަސައްކަތް، ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ބައިޑަން ވަނީ ދެއްވާފައެވެ. އެގޮތުން އެމެރިކާއަކީ ޓެރަރިސްޓުން ދެކެ ބިރު ގަންނާނެ ބައެއް ނޫން ކަމަށާ، އެމެރިކާގެ މިޝަންއަށް ޓެރަރިސްޓުން ހުރަސް އެޅިޔަ ނުދެއްވާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި އެމެރިކާ ސިފައިންގެ މެންބަރުން އެންމެ ފަހުން މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީ ފެބުރުއަރީ 2020 ގައެވެ.