މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން އޮކްޓޯބަރު 02، 2021 ގައި ބޭއްވުމަށް އެ ޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިއެވެ.

މި ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ދާދިވަރުކޮށް (ވާޗުއަލްކޮށް) ކަމަށް އެމްއާރުއެމް އިން ބުނެއެވެ.

އެގޮތުން މި ކޮންވެންޝަންގައި ބައިވެރިވުމަށް ބޭނުންވާ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު އޮގަސްޓް 26، 2021 އިން ފެށިގެން ސެޕްޓެމްބަރު 09، 2021 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާ ކަމަށް އެ ޕާޓީއިން ހާމަކުރެއެވެ.

އަދި ނޭޝަނަލް ކޮންވެންޝަންގައި ބައިވެރިވެވޭނީ ފޯމް ފުރިހަމަކުރުމުން ކަމަށާ މި އިވެންޓްގައި ބައިވެރިވާން ބޭނުންވާ ޕާޓީގެ މެންބަރުން، މަންދޫބަކަށް އެދޭ ފޯމް ފުރިހަމަކޮށް ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. މި ފޯމް ލިބެން ހުންނާނީ ޕާޓީގެ ވެބްސައިޓުން ކަމަށް ވެސް އެމްއާރުއެމް އިން ބުނެއެވެ.

މި ނޭޝަނަލް ކޮންވެންޝަން އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7965444 ނަންބަރު ފޯނާ ގުޅުމަށް ވެސް އެމްއާރުއެމް އިން ވަނީ އެދިފައެވެ.

އެމްއާރުއެމް އަކީ 2019 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިގެން ހިންގާ ޕާޓީއެކެވެ. މި ޕާޓީއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ބެއްލެވުމުގެ ދަށުން ހިންގަމުން ގެންދާ ޕާޓީއެކެވެ.