ދިވެހިންނަށް މަތީ ތައުލީމު ދޭން ޖަޕާނުން އިތުރު 15 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ. ޖަޕާނު ސަރުކާރުން ހިންގާ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް ހަ ސްކޯލާޝިޕް ދޭން އެއްބަސްވެފައިވަނީ މި އަހަރުގެ ޖުލައި މަހުއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ފަރާތުން ސޮއިކުރެއްވީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސަކީއެވެ.

އެއްބަސްވުމުގެ ދަށުން 110 މިލިއަން ޖަޕަނީޒް ޔެން ގްރާންޓުގެ އެހީގައި ދޭނެއެވެ. އެއީ ގާތްގަނޑަކަށް 998،000 ޑޮލަރުއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ގާތްގަނޑަކަށް 15 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ތެރޭގައި ޖަޕާނާއި ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން 4 އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް މަތީ ތައުލީމް ހާސިލްކުރުމަށް ޖަޕާނަށް ދިޔުމަށް ފުރުސަތު ލިބޭނެއެވެ.

ޖަޕާނުން ދަނީ ރާއްޖޭގެ ތަރައްގީއަށާއި، އިޖްތިމާއި އަދި ތިމާވެށީގެ ދާއިރާއަށް އެކި ގޮތް ގޮތުން އެހީވަމުންނެވެ.