ކޮވިޑް ބަލިމަޑުކަން ފެތުރުމުގެ ސަބަަބުން ރާއްޖޭގެ އިގްތިސޯދަށް އައި ގޮން ޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ފަށާފައިވާ މި ދަނޑިވަޅުގައި ޕެންޝަން ލިބޭ މީހުންގެ އަދަދު 101،895 އަށް އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޑިސެމްބަރު މަހު ނިމުނު އިރު ޕެންޝަން އޮފީހުގައި ރަޖިސްޓާ ކޮށްފައި ވަނީ 100،850 މީހުންނެވެ. މިއަހަރު ފެށިގެން މާޗް މަހުގެ ނިޔަލަށް އައި އިރު އެ އަދަދު ވަނީ 1045 އިތުރުވެފައި ކަމަށް ޕެންޝަން އޮފީހާ ހަވާލާދީ އިކޮނޮމިކުން ބުނެއެވެ.

އެހެންކަމުން މިއީ 1 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އިކޮނޮމިކުން ބުނެއެވެ. މިއާއެކު މިދިޔަ މާޗް މަހުގެ ނިޔަލަށް ޕެންޝަން އޮފީހުގައި ރަޖިސްޓާ ކޮށްފައި ތިބީ 101،895 މީހުން ކަމަށް އިކޮނޮމިކުން ބުނެއެވެ.

މިދިޔަ އަހަރުގެ މާޗް މަހު ޕެންޝަން ލިބުނު މީހުންގެ އަދަދަށް ބަލާއިރު މި އަހަރު މާޗް މަހު ޕެންޝަން ލިބުނު މީހުން އަދިވެސް މަދެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު 2 ޕަސެންޓްގެ ދަށްވެފައި ވާ ކަމަށް އިކޮނޮމިކުން ބުނެއެވެ. ނަމަވެސް މިދިޔަ އަހަރާ އަޅާބަލާ އިރު މާޗް މަހުތެރޭ އެވްރެޖްކޮށް މީހަކަށް ޖެހޭ މުސާރައިގެ ނިސްބަތް ވަނީ 2 ޕަސެންޓް މައްޗަށް ގޮސްފައެވެ.

މިިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕެންޝަން އޮފީހުގައި ރަޖިސްތާ ވެފައި ތިބި މީހުންގެ ތެރެއިން އެވްރެޖް މުސާރައިގައި ރޭޓެއްގެ ގޮތުގައި ދައްކަނީ 7362 ރުފިޔާއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައްކަނީ 7386 ރުފިޔާ ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ހިސާބުތަކަށް ބަލާއިރު، ޕެންޝަން ލިބޭ މީހުންގެ ރޭޓް ވަނީ ދަށަށް ގޮސްފައެވެ. އަދި އެވްރެޖްކޮށް މީހަކަށް ލިބޭ މުސާރައިގެ އަދަދުވެސް އޭރު ވަނީ ދަށަށް ގޮސްފައެވެ. މިިޔަ އަހަރުގެ 3 ވަނަ ކުއާޓަރާ ހަމައަށް ދިޔަ އިރު މި އަދަދުތައް ދަށަށް ދިޔަ ނަމަވެސް ހަތަރު ވަނަ ކުއާޓަރާ ހަމައިން އެ އަދަދުތައް މަޑުމަޑުން ވަނީ މައްޗަށް ގޮސްފައެވެ. ވަޒީފާގެ މާހައުލަށް މިފަދަ ބޮޑު ބަދަލެއް ކުރި މަތިވެފައި ވަނީ ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުންނެވެ.