ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސްއިން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި މާލެއާ ދެމެދު ވައިގެ އުދުހުންތައް އަލުން އޮޕަރޭޓް ކުރަން ފަށާނެ ތާރީހު އިއުލާން ކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެމިރޭޓްސްއިން ކޮލަމްބޯ-މާލެ ދަތުރުތައް ފަށަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހަކަށްވެސް ފްލައިޓް ތާވަލު ކޮށްގެން ކުރިއަށް ގެންދާ މި ދަތުރުތަކަކީ، ދުބާއީ-މާލޭ ފްލައިޓް އީކޭ652 ގެ އެކްސްޓެންޝަނެއް ކަމަށް މައުލޫމާތު ލިބެއެވެ. ރިޓާން ފްލައިޓަކީ މާލެ މަގުން ކޮލަމްބޯއިން ދުބާއީއަށް ކުރާ އީކޭ653 ފްލައިޓް ދަތުރެވެ.
އެމިރޭޓްސް ފްލައިޓް އީކޭ652 ދުބާއީއިން ފުރާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 09:45 ގައެވެ. މި ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ މެންދުރުން އަނބުރާ 15:00 ގައެވެ. ރާއްޖެއިން ފްލައިޓް ފުރާނީ 16:35 ގައެވެ. އަދި ކޮލަމްބޯގައި ޖައްސާނީ 18:30 ގައެވެ. ރިޓާން ފްލައިޓް އީކޭ653 ކޮލަމްބޯއިން ފުރާނީ 20:35 ގައެވެ. 21:35ގައި ރާއްޖެ ޖެއްސުމަށް ފަހު، ދުބާއީއަށް ފުރާނީ 23:00 ގައެވެ. އަދި ދުބާއީގައި ފްލައިޓް ޖައްސާނީ ދަންވަރު 02:00ގައެވެ. މި ހުރިހާ ދަތުރަކަށްވެސް އެމިރޭޓްސްއިން ބޭނުން ކުރާނީ ތުރީ-ކްލާސް ކޮންފިގަރޭޝަންގެ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެވެ.
އޮކްޓޯބަރު މަހުގެ މެދަކާ ހިސާބަށް އަންނައިރު، މާލެއާއި ދުބާއީއާ ދެމެދު، އެމިރޭޓްސްއިން ދުވާލަކު 4 ފްލައިޓް އަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެމިރޭޓްސްއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއާއި ސްރީލަންކާގެ މި ސިނާއަތް ކުރިއެރުވުމުގެ މުހިންމު ބައިވެރިއެކެވެ. ރާއްޖޭގައި އެމިރޭޓްސްއިން އޮޕަރޭޓް ކުރާތާ 34 އަހަރު ވަނީ ވެފައެވެ.
އެމިރޭޓްސްގެ ދަތުރުތައް އިންތިޒާމް ކޮށްފައި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ހާލަތަށް ބަލާ، ފަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ހާއްސަ ސަމާލުކަމެއް ދީގެންނެވެ.