މި ދުވަސްވަރު މަސްރަހު އެންމެ ނުތަނަވަސްވެފައި ވާ އަފްގާނިސްތާނުގެ ކާބުލް އެއާޕޯޓަށް އަމާޒުކޮށް، ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނުރައްކާ ބޮޑު ވެފައި ވާ ކަމަށް، ގިނަ ގައުމުތަކުން ބުނެ، އެ ގައުމުތަކުގެ ރައްޔިތުން، ކާބުލް އެއާޕޯޓަށް ދަތުރު ނުކުރާން އިންޒާރު ކޮށްފިއެވެ.

ކާބުލް އެއާޕޯޓަށް ރައްޔިތުން ދަތުރު ނުކުރާން އިންޒާރު ކުރި ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ. އެއާޕޯޓް ބޭރުގައި މިވަގުތު ތިބި އެ ގައުމުތަކުގެ ރައްޔިތުންވެސް، މިހާރުން މިހާރަށް އެއާޕޯޓް ސަރަހައްދު ދޫކޮށް ދިއުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ 10 ވަރަކަށް ދުވަސް ކުރިން ތޯލިބާން ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ވެއްޓުނު އަފްގާނިސްތާނު ދޫކޮށް ދިއުމަށް، އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންނާއި އަފްގާނިސްތާނުގެ ރައްޔިތުން، ފުރާނަ އަތް މައްޗަށްލައިގެން މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް ވައިގެ މަގުން، 82000 އަށް ވުރެ ގިނަ މީހުން އަފްގާނިސްތާނުން ފައިބައިފާ ވާ ކަމަށް ހަބަރު ލިބެއެވެ.

ގައުމުތަކުން ދަނީ އޯގަސްޓް 31 ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުރިން، އެ ގައުމުތަކުގެ ރައްޔިތުން އަފްގާނިސްތާނުން ބާލާ ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ. ޓެރަރިސްޓް ތޯލިބާނުން ވަނީ، ސުންގަޑިއަށްފަހު މީހުން ބޭލުމުގެ ފުރުސަތު ނޯންނާނެ ކަމުގެ އިންޒާރު ދީފައެވެ.

ކާބުލް އެއާޕޯޓަށް އަމާޒުކޮށް ޓެރަރިޒަމްގެ ވަރުގަދަ ހަމަލާއެއް އަމާޒުވުމުގެ ބިރު ބޮޑުވެފައި ވާ ކަމަށް، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކުން ބުނަމުން ދިޔަ ނަމަވެސް، އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާއިން ވަނީ، ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ނުރައްކާ، އަފްގާނިސްތާނުގައި ބޮޑުވަމުން އަންނަ ކަމުގެ އިޝާރާތެއް ކޮށްފައެވެ.